ކުޅިވަރު

އައު ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑުން ފަރިތަކުރުންތައް ފަށައިފި


އައު ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑުން ފަރިތަކުރުންތައް ފަށައިފިއެވެ. ޕްރީ ސީޒަން ތަމްރީންތައް ޔުނައިޓެޑުން ފަށާފައިވަނީ އޮސްޓްރޭލިއާގައެވެ.

ފުރަތަމަ ފަރިތަކުރުންތަކުގައި ކުލަބުގެ މުހިންމު ތަރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މާކަސް ރަޝްފޯޑް، ހެސޭ ލިންގާޑް، ހުއާން މާތާ އަދި ކްރިސް ސްމޯލިންގ ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެކަމަށް އަޑު ފެތުރިފައިވާ ޕައުލް ޕޮގްބާވެސް ފަރިތަކުރުންތަކުގައި ބައިވެރިވިއެވެ.

އޮސްޓްރޭލިއާގެ ފަރިތަކުރުންތަކުގައި އެގައުމުގެ ބައެއް ޓީމްތަކާއިއެކު އެކުވެރިކަމުގެ މެޗުތަކެއްކުޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އިނގިރޭސި ދެވަނަ ޑިވިޝަންގެ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށްވެސް އެޓީމުން އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

ލީޑް ޔުނައިޓެޑްވެސް ޕްރީ ސީޒަންގެ ތަމްރީންތައް ފެށީ އޮސްޓްރޭލިއާގައެވެ. އޮސްޓްރޭލިއާ ދަތުރަށްފަހު ޕްރީ ސީޒަންގެ ފޯރިގަދަ މުބާރާތްކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައިވެސް މެންޗެސްޓަރ ޔުނައިޓެޑުން ވާދަކުރާނެއެވެ.