ޚަބަރު

ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީއަށް އިންވެސްޓްކުރަމުން މިދަނީ - އެމްއައިބީ


ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީއަށް އިންވެސްޓްކުރަމުންދާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު އަޙްމަދު ރިޒާ ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ބްރާންޗް ހަދައިގެން ހިންގުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާކަމެއްކަމަށެވެ. އެހެންކަމުން މިހާރު އެ ބޭންކުގެ ވިސްނުންހުރީ ޑިޖިޓަލް ބޭންކިން ނުވަތަ ފައިނޭންސަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިސްލާމިކް ބޭންކުގެ ޙިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.
ރިޒާ ވިދާޅުވީ، އެ ބޭންކުން ގެންގުޅޭ ވިސްނުމަކީ ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީގެ ޙިދުމަތްތައް ބޭނުންކޮށްގެން ބްރާންޗްލެސް ބޭންކިންއެއް ނުވަތަ ސެލްފް ސަރވިސް ބޭންކިންއަށް ދަތުރުކުރުމުގެ ވިސްނުންކަމަށެވެ.

"ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ އަތޮޅެއްގައި ބްރާންޗެއް ހުޅުވުމަކީ ފީޒިބަލް ކަމަކަށް ނުވެދާނެ. އަޅުގަނޑުމެން މިވަގުތު މިދަނީ ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީއަށް އިންވެސްޓްކުރަމުން. އަދި އެ ޙިދުމަތްތައް ބޭނުންކޮށްގެން ބްރާންޗްލެސް ބޭންކިންގއަށް ނުވަތަ ސެލްފް ސާރވިސް ބޭންކިންއަށް ދަތުރުކުރުމުގެ މިސްރާބެއްގައި އަޅުގަނޑުމެން މިއުޅެނީ." އެމް.އައި.ބީ ގެ ސީއޯއޯ އަޙްމަދު ރިޒާ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބެންކުން 5 އަތޮޅެއްގައި 6 ބްރާންޗެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. ދާދިފަހުން އެ ބޭންކުން ވަނީ ޚިއްސާ ވިއްކުމަށް އާއްމުކޮށް ހުޅުވާލުމަށްވެސް ނިންމާފައެވެ.