ޚަބަރު

އިސްލާމިކް ބޭންކުގެ ޚިއްސާ ގަތުމަށް ފަސޭހަ އިންތިޒާމްތަކެއް


މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އެމްއަބީގެ ޚިއްސާ ވިއްކުމަށް އާއްމުކޮށް ހުޅުވާލުމަށް ނިންމާފައިވާއިރު، ހިއްސާ ވިއްކުމަށް ހުޅުވާލުމަށް ނިންމާފައިވަނީ މިހިނގާ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކުމަށް ނިންމާފައި މިވަނީ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަށްފަހުގައެވެ.

އިސްލާމިކް ބޭންކުން ބުނީ ކުންފުނީގެ %31 ހިއްސާ ވިއްކުމަށް ނިންމާފައިވާކަމަށެވެ. އެއީ ޖުމްލަ 6.9 މިލިއަން ޚިއްސާއެވެ. އެމްއައިބީގެ ޚިއްސާ ވިއްކުމަށް ނިންމާފައިވަނީ ޚިއްސާއެއް 35 ރުފިޔާއަށެވެ.

އިސްލާމިކް ބޭންކުގެ ޚިއްސާ ވިއްކާއިރު ހިއްސާ 2 ބަޔަކަށް ބެހޭކަމަށް ބޭންކުން ބުނެއެވެ. އެއީ އިސްލާމިކް ބޭންކުގެ 157 މިލިއަން ރުފިޔާގެ ހިއްސާ އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 87 މިލިއަން ރުފިޔާގެ ހިއްސާއެވެ. ބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ.

އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު، މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އެއީ ހިއްސާއަކަށް 35 ރުފިޔާ ރޭޓުންކަމަށްވާނަމަ 700 ރުފިޔާގެ ހިއްސާކަމަށް ބޭންކުން ބުނެއެވެ.

އެމްއައިބީން ހިއްސާ ވިއްކުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެ ބޭންކްގެ ޗީފް ފައިނޭންޝަލް އޮފިސަރ އަލީ ވާސިފް ވިދާޅުވީ އޮންލައިންކޮށް ޚިއްސާ ގަނެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހިއްސާ ގަތުމުގެ ކަންކަން ހަމަޖެހިފައިވާނެކަމަށް ވާސިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބެލީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އަދި ރާއްޖެއިން ބޭރުންވެސް އިސްމާލިކް ބޭންކުގެ ޚިއްސާ ގަނެވޭނެ ކަހަލަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް، އެގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް، އޮންލައިންކޮށް ޚިއްސާ ގަނެވޭނެ" ވާސިފް ވިދާޅުވިއެވެ.

އެމްއަބީގެ ހިއްސާ ވިއްކުމަށް ހުޅުވާލާނީ މިމަހުގެ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްއައިބީއިން ބުނެއެވެ.

2010 ވަނަ އަހަރު އުފެއްދި މޯލްޑިވްސް އިސްލާމިކް ބޭންކް، އަކީ އިސްލާމިކް ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ، އައިސީޑީގެ 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި ސަރުކާރުގެ 1 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއެކު އުފައްދާފައިވާ ބޭންކެކެވެ. އެމްއައިބީއަކީ ރާއްޖޭގައި އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.

އެމްއައިބީން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމަށް ނިންމާފައިވާއިރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރުވެސް 9 ކުންފުންޏެއް ލިސްޓުކޮށްފައިވެއެވެ.