މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދެ މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 16ވަނަ ދުވަހުގެ 14:00 އަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށް އެއޮފީހުން ވިދާޅުވެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދެމެމްބަރެއްގެ މަޤާމު ހުސްވީ އެކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަސަން ނަބާހާއި އިސްމާއީލް ސޮފްވާން މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އެދެބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުން އެ ދެ ބޭފުޅުން ވަކިކުރާނެކަން ޔަގީން ވުމުންކަން ފާހަގަކޮށްލެވެއެވެ.