ޚަބަރު

ޖަޕާނުން އަންނަ ފަތުރުވެރިން އިތުރު ކުރުމަށް މަޝްވަރާކޮށްފި


  • ޖަޕާނު ޓްރެވެލް އޭޖެންޓް އެސޯސިއޭޝަންގެ ރައީސްއާ ވަނީ ބައްދަލުކުރައްވާފައި

  • ޖަޕާނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަޝްވަރާކޮށްފައިވޭ

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޖަޕާނުގެ ޓްރެވެލް އޭޖެންޓުގެ އެސޯސިއޭޝަނާއި މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް އަދި ޖަޕާނުގެ ޓްރެވެލް އޭޖެންޓު އެސޯސިއޭޝަންގެ ރައީސާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް، ވަނީ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާއާ ބާއްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފައިވާ ކަމާށް ސަފީރު މަޙްލޫފް ވިދާޅުވިއެވެ.

މިމަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރައްވާ ސަފީރު މަޙްލޫފް މީސްމީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ޖަޕާނު މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ޖަޕާނުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނާއި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ސަފީރު މަޙްލޫފް ވިދާޅުވިއެވެ.

ސަފީރު މަޙްލޫފް ޕޯސްޓް ނިންމަވާލެއްވީ މި ބައްދަލުވުމުގެ ތެރެއިން ރާއްޖެއާއި ޖަޕާނާއި ދެމެދު ފަތުރުވެރިކަމުގެ ދައިރާއިން އިތުރަށް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުތައް ސިންދަފާތު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިހާރު ރާއްޖެއަށް ފަތުރުވެރިން މަދުން އަންނަ މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.