ސިޔާސީ

ބްރޯޑްކޮމްގެ ރައީސް ޝަހީބުވެސް މަޤާމުން ވަކިކުރަން ނިންމައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި ނާއިބު ރައީސް ފާޠިމަތު ޒައިނާ އެކޮމިޝަނުން ވަކިކުރުމަށް، އެ މައްސަލަ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކުޑަ ކޮމިޓީން ނިންމައިފިއެވެ.

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި އެކަން އިތުރަށް ދިރާސާކުރުމަށްވަނީ ކުޑަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، ބްރޯޑްކޮމްގެ ރައީސާއި ނާއިބު ރައީސް ކޮމިޝަނުން ވަކިކުރަން އެކޮމިޓިން ނިންމައި ބޮޑުކޮމިޓީއަށް މިޙާރު ފޮނުވާފައިވާކަމަށެވެ.

މެންބަރު ވިދާޅުވީ ބްރޯޑްކޮމްގެ ރައީސާއި ނާއިބު ރައީސް އެމަޤާމުތަކުގައި ތިއްބެވުމަށް ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެންނަކަމަށް ފާސްކޮށްފައިވާކަމަށެވެ. ބްރޯޑްކޮމްގެ މެންބަރުން ޙާޒިރުކޮށް މައްސަލަތައް ބަލާ ކޮމިޓީގެ ބައްދަލުވުންތައް މިހާތަނަށް ވަނީ މީޑިއާއަށް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. އެކޮމިޓީގެ މެންބަރު ވިދާޅުވީ، ބްރޯޑްކޮމްގެ މިހާރުގެ ހުރިހާ މެންބަރުންނަކީވެސް އެކަމަށް ޝަރުތު ހަމަވާބައެއް ނޫންކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަމުން އަންނަނިކޮށް އެ ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ.

މިނިވަން މުއައްސަސާތަކުގެ ކުރީގެ ބައްދަލުވުމެއްގައި ބްރޯޑްކޮމްގެ ރައީސް މުޙައްމަދު ޝަހީބް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަކި ޓީވީ ޗެނަލެއް ބަންދުކުރުމަށާއި، ވަކި ޗެނަލްތަކަކަށް އަމާޒުކޮށް ޖޫރިމަނާކުރުކަމަށް ނިންމިކަމަށް އިޢުތިރާފްވެވަޑައިގެންފައެވެ. އަދި އެކޮމިޝަނުން ނިންމާފައިވާ ނިންމުންތަކަކީ އެންމެ އިންސާފުވެރި ނިންމުންތަކެއް ނޫންކަމަށްވެސް ޝަހީބު ވިދާޅުވެފައިވެއެވެ. ނިމިދޔަ މަޖިލީހުގެ ޕީޕީއެމް މެންބަރުން ފޯނުން ގުޅުއްވައި ވަކިގޮތަކަށް ޢަމަލުކުރުމަށް އެންގިކަމަށްވެސް ބްރޯޑްކާސްޓިންގ އެކޮމިޝަންގެ މެންބަރުން އެއްބަސްވެވަޑައިގެންފައިވެއެވެ.

ނަމަވެސް ޝަހީބްވަނީ އެ ކޮމިޝަނަށް އަމާޒުވާ ފާޑުކިއުންތަކުން ދިފާޢުވެވަޑައިގަތުމުގެ ގޮތުން ކޮމިޝަނުން ނިންމި ނިންމުންތައް ނިންމީ އެނާގެ ބައިވެރިވުމެއް ނެތި މެމްބަރުންކަމަށް ވިދާޅުވެފައެވެ. މެމްބަރުން ވަނީ ޝަހީބުގެ ވާހަކަތައް ދޮގުކޮށް އެކަމުގެ ޒިންމާ ޝަހީބު ނަންގަވަންޖެހޭނެކަމަށް ވިދާޅުވެފައެވެ.