ސިޔާސީ

ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

ޔާމީން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައި މިއަދުއެވެ. ޔާމީން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށެވެ. ޔާމީން ކޯޓަށް ހާޒިރު ކުރަނީ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑެރިން މައްސަލައާ ގުޅިގެންނެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. އެކަމަކު އެ ކޯޓުން ކުރި އެ އަމުރު ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެން ޔާމީން ހުންނެވީ މިނިވަންވެފަ އެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. މި މައްސަލަތައް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހު ވަނީ ބާއްވާފައެވެ. އެދުވަހުގެ ބައްދަލުވުމުގައި ޕީޖީން ވަނީ ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދިފައެވެ.

މަނީ ލޯންޑް ކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެ މައްސަލާގައިވެސް ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވާންވެސް ވަނީ ޗިޓު ފޮނުވާފައެވެ. އާޒިމާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ.

އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލާގައި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.