ޚަބަރު

މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 11.3 މިލިޔަން ރުފިޔާ


  • ޖުމްލަ 517 ދޯންޏަކުން މަސްކިރުވާފައިވޭ

  • ޖޫން މަހުގެ ނިޔަލަށް 568 ޓަނު މަސް ކިރުވައިފައިވޭ

  • ދޯނިތަކަށް ޖުމްލަ 11،332،391 ރުފިޔާ ދޫކޮށްފައިވޭ

ޖޫން މަހު މިފްކޯއަށް ކިރުވި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން ޖޫންމަހު މަސްކިރުވާފައިވެއެވެ. އަދި މި ދޯނިތަކަށް ޖުމްލަ 11،332،391 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ވިދާޅުވީ، މިދިޔަމަހު ޖުމްލަ 568 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެގޮތުން 484.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، 9،326،901 ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 196 ދޯނިން ކިރުވާފައިވާ މަހެވެ.

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 331،440 ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 212 ދޯންޏަކަށް 1،674،050 ވަނީ ދޫކޮށްފައެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިއަދުވެސް މިފްކޯއިން 10 ކިލޯއާއި 15 ކިލޯގެ މަސް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތި 25 ރުފިޔާއަށެވެ.