ކުޅިވަރު

މުހިއްމީ ލީގު ނިމޭއިރު އެއްވަނައިގައި އޮތުން: ސެކުލޮސްކީ


އީގަލްސް އަތުން މޮޅު ނުވެވުނަސް ހާސްނުވާކަމަށާއި، ލީގު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކްލަބް އީގަލްސްއާ ބައްދަލުކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސެކުލޮސްކީ ބުނީ، މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަމަށާއި، މެޗު އެއްވަރުވިޔަސް އެކަމުގެ ސަބަބުން ޓީމަށް އަސަރުތަކެއް ނުކުރާނެކަމަށެވެ.

ސެކުލޮސްކީ ބުނީ މި މެޗުގައި މާޒިޔާއަށް ލީޑު ފުޅާކުރާނެ ފުރުސަތުތައް ލިބުނުކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ކަމަށެވެ. މާޒިޔާ ކޮޅަށް މި މެޗުގައި ވަން ގޯލަކީ މެޗުގައި އެ ޓީމަށް ހެދުނު ބޮޑު ގޯހަކުން އީގަލްސަށް ކާމިޔާބުކުރެވުނު ލަނޑެއް ކަމަށްވެސް ސެކުލޮސްކީ ބުންޏެވެ.

"މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް މަރުޙަބާ ކިޔަން. މެޗުން ބަލިވިނަމަވެސް ހާހެއް ނުވޭ. މީގަ މުހިއްމީ ލީގު ނިމޭއިރު އެއްވަނައިގައި އޮންނަނީ ކޮންބައެއްތޯ ބެލުން". ސެކުލޮސްކީ ބުންޏެވެ.

އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން ބުނީ، މިއީ އެ ޓީމުގެ ކުޅުންތެރިން ބުރަކޮށް މަސައްކަތްކޮށްގެން ހޯދި ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި، ބްރޭކަށް ފަހު ރަނގަޅު ފޯމެއްގައި އަންނަން ބަލާއިރު، މި މެޗުގެ ނަތީޖާގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށެވެ.