ސިޔާސީ

ސަރުކާރުގެ ތިން މަޝްރޫޢުއެއްގެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލައެއް ބަލަނީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ސަރުކާރުގެ ތިން މަޝްރޫޢުއަކާއި ގުޅުންހުރި ފައިސާ ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު އޭސީސީގެ މެންބަރުން ޙާޒިރުކޮށް އެމްއެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އެކައުންޓަށް އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެކަން އެސީސީގެ ސަމާލުކަމަށް އައި ހިސާބުން ޔާމީންގެ އެކައުންޓްތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތްކުރި ކަމަށް މުއައްވިޒު ވިދާޅުވިއެވެ. ނަމަވެސް އެ ތަފްސީލްތައް ހޯދުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކާއި ކުރިމަތިވިކަން މުޢައްވިޒް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެދުވަސްވަރު އޭސީސީއަށް ލިބުނީ ޔާމީންގެ އެންމެ އެކައުންޓެއްގެ ތަފްސީލް ކަމަށާއި ނަމަވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލިބުނު މަޢުލޫމާތުތަކާއެކު ތަޙްޤީޤަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް މުޢައްވިޒް ވިދާޅުވިއެވެ. އަދި ޔާމީންގެ އެކައުންޓްތަކުގެ އިތުރު ތަފްސީލްތައް މިހާރު ލިބިފައިވާތީ އެކަން ތަހްޤީޤްކުރަމުން އަންނަކަން މުޢައްވިޒު ވިދާޅުވިއެވެ.

މުޢައްވިޒު ވަނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައިވާ ފައިސާގެ މުޢާމަލާތްތައް ގިނައިން ކޮށްފައިވަނީ ނަގުދު ފާއިސާއިން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ބޭރުގެ އެކައުންޓަކަށްވެސް މުޢާމަލްތައް ހިންގާފައިވާކަން ފާހަގަކުރެވުނުކަމަށް މުޢައްވިޒް ވިދާޅުވިއެވެ. ނަގުދު ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، ޔާމީންގެ އެކައުންޓްގައި ހުރި ފައިސާގެ ތެރޭގައި ސަރުކާރުގެ ތިން މަޝްރޫޢުއަކާއި ގުޅުންހުރި ފައިސާވެސް ހިމެނޭކަމަށް މުޢައްވިޒް ވިދާޅުވިއެވެ. ނަމަވެސް ތަޙްޤީޤްކުރަމުންދާ މައްސަލައެއްކަމުން އިތުރު ތަފްސީލް އެކަމުގައި އޭނާ ނުދެއްވައެވެ.

" ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިހުރީ ގިނައިން ހުރީ ނަގުދު ފައިސާގެ މުޢާމަލާތްތަކުން ފައިސާ. ނަމަވެސް ޔާމީންގެ އެކައުންޓްތަކުގެ ތަފްސީލް ހޯދުމަށް ބޮޑެތި ދަތިތައް ކުރިމަތިވި. ތަޙްޤީޤަށް ފާހަގަކުރެވިފައިވަނީ ދައުލަތުގެ ތިން ޕްރޮޖެކްޓަކާއި ގުޅުންހުރި ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ލިންކުވެފައިވާކަމަށް. އެ ތިން މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި މިއަންނަނީ ތަޙްޤީޤްކުރަމުން." މުއައްވިޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުރާފުވެޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.