ވިޔަފާރި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފި


އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއިއެކު މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފިއެވެ.

މިވޯކްޝޮޕަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) ގުޅިގެން ކުރިއަށްގެންދާ ވާރކްޝޮޕެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ރޯޑު މެޕެއް ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިއީ ރާއްޖޭގައި އަލަށް ކުރާ ކަމަކަށް ވުމުގެ ސަބަބުން މި ވޯކްޝޮޕްގެ ތެރެއިން ރާއްޖެއިން ބޭރުގެ އެހެން ޤައުމުތަކުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވާ ގޮތްތައް ބަލައި ދިރާސާކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މިކަމަށް ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރިކުރުވުމެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ވަރކްޝޮޕްގެ ފުރަތަމަ ދުވަހު ބައިވެރިވެފައިވަނީ ޑޭޓާ ކަލެކްޝަންއާ ގުޅުންހުރި މުއައްސަސާތަކެވެ. އޭގެތެރޭގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކް ހިމެނެއެވެ. 2 ވަނަ ދުވަހު ސްޕެޝިއަލް އެޑްވައިޒަރީ ބޯޑުން ބައިވެރިވާއިރު، ވާރކްޝޮޕްގެ އެންމެ ފަހު ދުވަސް ޙާއްސަކޮށްފައިވަނީ ސްޓޭކް ހޯލްޑާރސްއަށެވެ. އޭގެތެރޭގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލްކުރާ ފަރާތްތައް ހިމެނެއެވެ. މި ވޯކްޝޮޕް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ. މިކަމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް ބޯޑެއްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރުވަނީ އެކުލަވާލައްވާފައެވެ.