ވިޔަފާރި

އެމެރިކާގެ 13 ސްޓޭޓެއްގައި ގޭހުން ނަގާ ޓެކްސް ބޮޑުކޮށްފި


އެމެރިކާގެ ތޭރަ ސްޓޭޓެއްގައި ގޭހުން ނަގާ ޓެކްސް ބޮޑު ކޮށްފިއެވެ.

އެމެރިކާގެ 13 ސްޓޭޓެއްގައި ގޭހުން ނަގާ ޓެކްސް ބޮޑުކޮށްފައިވަނީ އެއްގަމު އުޅަދުތައް އުފެއްދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީއަށް ލިބިފައިވާ ކުރިއެރުންތަކާއެކު ތެލުގެ ޙަރަދު ކުޑަވުމާއި، ކަރަންޓް ބޭނުންކޮށްގެން ދުއްވާ ކާރުތައް އިތުރުވެފައިވުމާއި އެކު، އެމެރިކާގައި ގޭސް ވިއްކައިގެން ދައުލަތަށް ލިބޭ ޓެކްސް ދަށްވެފައިވުމުންނެވެ.

މަގު ހެދުމާއި، މަރާމާތުކުރުމަށް މި ސްޓޭޓްތަކުގައި ބޭނުންކުރަނީ ގޭސް ވިއްކައިގެން ލިބޭ ޓެކްސް ފައިސާއެެވެ. އަދި އެފައިސާ ލިބޭ މިންވަރު މަދުވުމަކީ، އެ މަސައްކަތްތަށް އޮންނަ ބަޖެޓަށް އަސަރުކުރާ ކަމެކެވެ.

ގޭހުން ނަގާ ޓެކްސް އަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އެގައުމުގެ އިލޮނޯއީގައެވެ. އެގޮތުން، ގޭހުން ނަގާ ޓެކްސްގެ މިންވަރު އެސްޓޭޓްގައި ވަނީ ފަންސާސް ދެ އިންސައްތައަށް ބޮޑުކޮށްފައެވެ. ގޭހުން ނަގާ ޓެކްސް ދެވަނައަށް އެންމެ ބޮޑަށް އިތުރުކޮށްފަައިވަނީ އޮހާއޯ ސްޓޭޓްގައެވެ.

އެމެރިކާގައި ގޭހުން ނަގާ ޓެކްސް އެންމެ ބޮޑީ ކެލިފޯނިއާ ސްޓޭޓްގައެވެ. އަދި މިފަހަރުވެސް އެ ސްޓޭޓުންވަނީ ގޭހުން ނަގާ ޓެކްސް ދިހަ އެއް އިންސައްތަ ބޮޑު ކޮށްފައެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި މަގުތައް މަރާމާތުކުރުމަށް ޙަރަދުކުރަނީ ގޭހުން ނަގާ ޓެކްސްއިންނެވެ.

ތެލުގެ ޙަރަދު ކުޑަ އަދި ކަރަންޓުން ދުއްވާ ވެހިކަލްތަކުންވެސް މަގުތަކަށްވާ ގެއްލުން ވަކި ކުޑައެއް ނޫނެވެ. އެހެން ނަމަވެސް ގޭހުގެ ޙަރަދު ކުޑަ އަދި އިލެކްޓްރިކް ވެހިކަލް ދުއްވާ ފަރާތްތަކުން ގޭހަށް ކުރަން ޖެހޭ ޙަރަދު ކުޑަވުމުން އެފަދަ ވެހިކަލް ބޭނުންކުރާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު ވަނީ ދަށްވެފައެވެ.