ސިޔާސީ

އަނިޔާވެރިކަމާއި ނާއިންސާފަކީ މިސަރުކާރުން ބަލައިގަންނާނެ އެއްޗެއް ނޫން - އިމްރާން


އަނިޔާވެރިކަމާއި ނާއިންސާފަކީ މިސަރުކާރުން ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ފުލުހަކާއި ދެކޮޅަށް ގާނޫނާއި ހިލާފު ފިޔަވަޅެއް ނާޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާންމުންގެ މީހަކަށް ފުލުހުންގެ ބަޔަކު އަނިޔާކުރި މައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ސަމާލު ކަމަށް އައިތާ ބައިގަޑިއިރުގެ ތެރޭގައި އެކަމަށް ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި އެ މައްސަލައިގެ ތަފްސީލު އާންމުންނަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓު ކޮށްފައިވާނެކަން މިނިސްޓަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަމުގެ ތަހުގީގުތައް ކުރިއަށްދާއިރު އެއްވެސް ހެއްކަކަކާއި ނުލައި އެކަކު އަނެކަކަށް ތުހުމަތުތައް ނޭޅުވުމަށް ފުލުހުންނަށާއި އާއްމުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މިނިސްޓަރު އިމްރާންގެ ޓުވީޓު ----

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކަށް އަނިޔާކުރި ހަތް ފުލުހަކު ސަސްޕެންޑް ކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ބައެއް ފުލުހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން މ. އުޖާލާ ނަމަކަށް ކިޔާ ގެއެއް ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް މަސްތުވާތަކެއްޗާއި އެކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެގޭގައި ދިރިއުޅޭ 28 އަހަރުގެ ފިރިހެނެއް ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރިކަމަށާއި ފުލުހުން އެނާ ފަހަތުން ދުވެފައި ގޮސް އެނާވެސް ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. މި އޮޕަރޭޝަންގައި 461 ގްރާމުގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.

މި މީހުން އަތުލައިގަތުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާއަށް ފުލުހުން އަނިޔާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ފުލުހުންގެ ބަޔާނުގައި ވަނީ ހައްޔަރުކުރާ މީހަކަށް އަނިޔާކުރުމަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސް' އަދި 'ކޯޑް އޮފް ކޮންޑަކްޓް' އާއި ހިލާފު އަމަލުތަކެއްކަމަށެވެ.