ސިޔާސީ

ވޭތުވެދިޔަ ހަ މަސް ދުވަހު އެންމެ ގިނަ ދައުވާ ރައްދުވި ސަރުކާރުގެ އިދާރާއަކީ ޕޮލިސް


ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ބަންޑާރަ ނާއިބުގެ އޮފީހުން އެންމެ ގިނައިން ވަކާލާތު ކުރަން ކޮށްފައިވަނީ ފުލުހުންގެ އިދާރާއާ ރައްދުވާ ދައުވާތަކަށްކަން އެޓަރނީ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ހަމަސް ދުވަހު ދައުލަތުގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލާފައިވާ ވަނީ ފުލުހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކަށެވެ. ފުލުހުންގެ އިދާރާއާ ގުޅޭ 22 މައްސަލައެއްގައި އޭޖީ އޮފީހުން ކޯޓުތަކުގައި ވަނީ ދައުލަތް ތަމްސީލް ކޮށްފައެވެ. އަދި ޑިފެންސް މިނިސްޓްރީއާ ގުޅޭ 11 މައްސަލައެއްގައި އޭޖީ އޮފީހުން ވަނީ ކޯޓުތަކުގައި ވަކާލާތު ކޮށްފައެވެ.

އޭޖީ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހައުސިން މިނިސްޓްރީއާ ގުޅޭ 9 މައްސަލައަކާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅޭ 9 މައްސަލައެއްގައި އޭޖީ އޮފީހުން ވަނީ ވަކާލާތު ކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް 167 މައްސަލައެއްގައި އޭޖީ އޮފީހުގެ ފަރާތުން ވަކާލާތު ކޮށްފައިވާއިރު އެއީ ދައުލަތަށް ރައްދުވާ 111 މައްސަލައާ އޭޖީ އޮފީހުގެ ފަރާތުން ދައުވާކުރި 56 މައްސަލައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އޭޖީ އޮފީހުން ވިދާޅުވީ 21 މައްސަލައެއް ކޯޓަށް ހުށަނޭޅިވާ ކަމަށެވެ.

ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހިނގާފައިވަނީ ސިވިލް ކޯޓުގައެވެ. އެއީ 67 މައްސަލައެކެވެ. ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކުގެ ތެރެއިން ދެން އެންމެ ގިނައީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގައި ކުރިއަށްދިޔަ މައްސަތަކެވެ. އެއީ 14 މައްސަލައެކެވެ. މެޖިސްޓްރޭޓު ކޯޓުތަކުގައި 10 މައްސަލައެއް ހައިކޯޓުގައި 15 މައްސަލައެއް އަދި ސުޕްރީމް ކޯޓގައި ފަސް މައްސަލައެއްގައި އޭޖީ އޮފީހުން ވަނީ ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކުގައި ވަކާލާތު ކޮށްފައެވެ.

ދައުލަތުން ދައުވާ ކުތާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ހައިކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލަތަކެވެ. އެއީ 24 މައްސަލައެކެވެ. ސިވިލް ކޯޓަށް 21 މައްސަލައެއް ހުށަހެޅިއިރު ސުޕްރީމް ކޯޓުގައި ފަސް މައްސަލައެއްގައި ވަނީ ދައުވާ ކޮށްފައެވެ.

އޭޖީ އޮފީހުގެ ވަކީލުން ވަނީ ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި 1123 އަޑުއެހުމަކަށް ހާޒިރުވެފައެވެ. އެންމެ ގިނައިން ކޯޓަށް ގޮސްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އެ މަހުގެ ތެރޭގައި 236 އަޑުއެހުމަކަށް ވަނީ އެ އޮފީހުގެ ވަކީލުން ހާޒިރުވެފައެވެ.