ވިޔަފާރި

ބޮޑު ޢީދު ޗުއްޓީއަށް ގިނަ ބަޔަކު ދަނީ ޓިކެޓް ނަގަމުން - މޯލްޑިވިއަން


ބޮޑު ޢީދު ޗުއްޓީއާއި ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ކުރިއާލާ ޓިކެޓް ނަގަމުންދާ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

މިއަހަރުގެ ބޮޑު ޢީދު ޗުއްޓީގެ ގޮތުގައި ހަފްތާއެއްހާ ދުވަސް ލިބެއެވެ. މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓް މަހުގެ ދިހަވަނަ ދުވަހެވެ.

ބޮޑު ޢީދު ޗުއްޓީއާއި ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރެއެވެ. އަދި މިއާއެކު ކަނޑުދަތުރުތަކަށާއި ވައިގެ ދަތުރުތަކަށް ޑިމާންޑު ބޮޑުވެއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ހާމަކުރާގޮތުގައި، އެ އެއަރލައިނުން ދަތުރުކުރާ ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށްވެސް ޑިމާންޑު ބޮޑު ކަމަށާއި، ޑިމާންޑާއި އެއްވަރަށް ޙިދުމަތްތައް ދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެންމެ ޑިމާންޑު ބޮޑުވާ މަންޒިލްތަކަށް އިތުރު ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ މިއަހަރު އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއެކު ރާޢްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރާ ދަތުރުތަކުގެ އަގުން 25 އިންސައްތައާއި 30 އިންސައްތަ އަގު ހެޔޮވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.