ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ފަހުން ހަވާލު ނުކުރި މައްސަލައިގައި ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފިއެވެ.
ބަންޑާރަ ނައިބު އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ދައުލަތުން އެކުންފުންޏަށް 15 މިލިއަން ޑޮލަރު ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ފައިސާ ދައުލަތުން މިއަދު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދައްކާ ޚަލާސް ކޮށްފައިވަނީ އެފައިސާގެ ތެރެއިން ޓެކްސްއަށްވާ ފައިސާ ކެނޑުމަށް ފަހުއެވެ. އެހެންކަމުން ދައުލަތުން ޑަބްލިއުއެލްޓީއަށް ދައްކާފައި ވަނީ 130 މިލިއަން ދިވެހި ރުފިޔާއެވެ.
މި މައްސަލާގައި ޑަބްލިއުއެލްޓީއަށް 15 މިލިއަން ޑޮލަރު ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
ޑަބްލިއުއެލްޓީން ކުރި ދައުވާގައި ވަނީީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވި ކަމަށާއި ނަމަވެސް އެއްބަސްވުންތަކާއި އެއްގޮތަށް އެ ރަށްތައް ދޫކޮށްފައި ނުވާތީ އެކަމުގެ ބަދަލު ނަގައިދިނުމެވެ.
އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.