ކުޅިވަރު

ކުޑަރިކިލު ބަލިކޮށް ގޮއިދޫ ސެމީ ފައިނަލާއި ގާތަށް ޖެހިލައިފި


ބ.ކުޑަރިކިލު ފަސޭހަކަމާއެކު ބަލިކޮށް ގޮއިދޫ މުބާރާތުގެ ސެމީ ފައިނަލާ ގާތަށްޖެހިލައިފިއެވެ.

ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ކުޅުނު މެޗުން ގޮއިދޫ މޮޅުވީ 5-1 ނެވެ. ދެޓީމުންވެސް ހަމަލާތަކެއް އުފެއްދި މިމެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 2 ވަނަ މިނެޓްގައި، ގޮއިދޫ ޓީމްގެ ކެޕްޓަން އިބްރާހިމް މާޖިދު (މާޖި) އެވެ. މާޖި ވަނީ މިއަދު މެޗްގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މި ދެލަނޑު ޖަހާފައިވަނީ މެޗްގެ 45 ވަނަ މިނެޓްގައާއި 66 ވަނަ މިނެޓްގައެވެ. މާޖިދުގެ އިތުރުން ގޮއިދޫ ޓީމްގެ ލަނޑުތައް ޖަހާފައިވަނީ އާދަމް ނިޒާމް ކިތުނާއާއި އަޙުމަދު ވިސާމްއެވެ.

މިމެޗްގައި ކުޑަރިކިލު ޓީމުން ޖެހި ހަމައެކަނި ލަނޑު ޖެހީ ގޮއިދޫގެ އޭރިއާ ތެރެއިން އެޓީމްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖަހާފައިވަނީ 57 ވަނަ މިނެޓްގައި ހުސެއިން ހަންނާނެވެ. ގޮއިދޫ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި މިމެޗްގައި ކުޑަރިކިލު ޓީމްގެ ގޯލް ކީޕަރު އަތުން ގިނަ މިސްޓޭކްތަކެއްވަނީ ފެނިގެން ގޮސްފައެވެ. ނަތީޖާ ހަމަކުރުމަށް ކުޑަރިކިލުން ހަމަލާތައް އިތުރު ކުރި ނަމަވެސް ގޮއިދޫ ގޯލްކީޕަރުވަނީ މި ހަމަލާތަށް ދިފާއުކޮށްފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމަށް ހެޓްރިކް ހަދައިދިން އިބްރާހިމް މާޖިދު (މާޖި) އެވެ.

މި މުބަރާތުގައި ކުޑަރިކިލު ދެންވާދަކުރާނީ މުބާރާތް ބާއްވާ އޭދަފުއްޓާއެވެ. ގޮއިދޫ ބައްދަލުކުރާނީ މިހާރު ގްރޫޕް ބީގެ ފުލުގައިއޮތް މާޅޮހާއެވެ.

ޖުމްލަ 11 ޓީމް ބައިވެރިވި މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށްދާ ޓީމްގެ އިތުރުން ގްރޫޕް ބީއާއި ސީގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ.

މާދާމާވެސް މި މުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. ބައްދަލުކުރާނީ ގްރޫޕް ސީގެ ދެޓީމްކަމަށްވާ ތުޅާދޫ އާ ކިހާދޫއެވެ. މި ގްރޫޕްގަ މިހާތަނަށް ކުޅުނު ދެމެޗްވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މާދަމާ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ،