ވިޔަފާރި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30ގައި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 36 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައި ވާ އަންގާރަ ދުވަހު ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޖަލްސާގެ ތެރޭގައި ބޭންކުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2018 ވަނަ އަހަރުގެ އާމްދަނީ ބަޔާންކުރުމާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން ހިއްސާދާރުންނަށް ބެހުމަށް ކަނޑައަޅާފައިވާ ފައިދާ ފާސްކުރުން ކުރިއަށްދާނެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރަށް އައްޔަންކުރާ އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުމާއި ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުންވެސް މި ޖަލްސާގެ ތެރެއިން ކުރިއަށްދާނެއެވެ.

ބީއެމްއެލްއިން ބުނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް 129 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާކަމަށެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ. ބޭންކުން ބުނީ މިހިއްސާ ބެހުމަށް ނިންމާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.