ވިޔަފާރި

ކުރިއަށްއޮތް 3 އަހަރުތެރޭގައި 45 ރިސޯޓް ހުޅުވޭނެ - ޓުއަރިޒަމް މިނިސްޓަރ


ކުރިއަށްއޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި 40 އަށްވުރެ ގިނަ ރިސޯޓް ހުޅުވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، އެމިނިސްޓްރީން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި 45 ރިސޯޓެއް މާކެޓެއް ނެރެވޭނޭކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމް ސިނާޢަތަށް އާ ރިސޯޓްތައް ނެރުމުގެ އިތުރުން، މިހާރު މަސައްކަތް ހުއްޓިފައި ހުރި ރަށްތަކުގެ މަސައްކަތް އަވަސްކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރުން ބެލިބެލުމުން ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން 70 ވަރަކަށް ރަށުގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެތައް ސަރުކާރެއް އައިސްސަ މިދިޔައީ، އެބަހުރި 2006 ވަނަ އަހަރު ދޫކޮށްފައި ހުރި ރަށްތަށްވެސް. ދިހަވަރަކަށް އަހަރު ރަށެއް ނުހެދި އޮތުމަކީ ބަލަންޖެހޭ ވަރަށް ނުބަލާ އޮތުމުން ދިމާވާ ކަމެއް. ސަރުކާރުން ދަނީ މިރަށްތަށް ހެދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން. އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުންގެ ރަށްތައް ނަގައިގެން، ބަނޑު ދަމާލައިގެން ތިބޭކަށް. ރަށްތައް ހަދާ ހުޅުވަންޖެހޭނެ" ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރިސޯޓްތައް ހެދުމުން ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވި، އާމްދަނީ ލިބޭނެ ގޮތްތަކެއް މަގުފަހިވެގެންދާނޭކަމަށެވެ. އެހެންކަމުން ރަށްރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެސަރަޙައްދުތަކުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ މަސައްކަތް ނުނިމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ނުހެދި ހުރި 70 ވަރަކަށް ރަށުގެ ތެރެއިން ތިރީހަކަށް ރަށް ވީ އެންމެ އަވަހަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަތޮޅުތަކަށް އަޅުގަނޑުމެން މިކުރާ ދަތުރުތަކުގެ ބޭނުމަކީވެސް. ރައްޔިތުންނަށް އެންމެ ބޮޑަށް ގެއްލުންވެފައި ހުރި އަތޮޅުތަށް ބެލުން. ހުރިހާ އަތޮޅަކަށްވެސް ގެއްލުން 70 ރަށް ނުހެދި އޮތިއްޔާ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެފައިނޭންސް ހޯދުމުގެ މަސައްކަތް ކުރައްވަނީ އިކޮނޮމިކް މިނިސްޓްރީން. އެހެންވީމާ އަޅުގަނޑުމެން މިހާރު ވާނީ 30 ރަށް އައިޑެންޓިފައިކޮށްފައި ފޮނުވާފައި. އަދި އެބައޮތް ބާކީ 40 ރަށް. އެގްރިމަންޓުގެ ދެކޮޅު އޮވޭ. ރިސޯޓެއް ނުހެދި އޮތީމަ ދައުލަތަށް ވާ ގެއްލުންވެސް ފެނޭ. އެގްރިމަންޓް ބާތިލްކުރުމުގެ ބަދަލުގައި ރަށްތަށް ހެދޭނެ ގޮތެއް ހޯދުން ސަރުކާރަށް މުހިއްމީ. އެމަސައްކަތް ފެށިގެން މިދަނީ" މިނިސްޓަރ ވިދާޅުވިއެވެ.

ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށް ނުހެދި ލަސްވަމުންދާއިރު، ބައެއް ރަށްރަށުގެ މަސައްކަތްތައް ލަސްވެފައިވަނީ ކުރީގެ ސަރުކާރުން ބައެއް ވިޔަފާރިވެރިންނަށް ޖެއްސުންކުރުމުގެ ގޮތުން ހިންގި ޢަމަލުތަކުގެ ސަބަބުންކަމަށް ޓުއަރިޒަމް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ. ނަމަވެސް މިސަރުކާރުން އެއްވެސް ވިޔަފާރިވެރިއެއްގެ ސިޔާސީ ވިސްނުން ހުރި ގޮތުން ދަތިކޮށް، ޖެއްސުންކުރުމުގެ ޢަމަލެއް ނުހިންގާނޭކަމުގެ ޔަޤީންކަންދޭކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.