ކުޅިވަރު

މިރޭގެ މެޗުގައި އެޑްވާންޓޭޖް އޮތީ އީގަލްސްއަށް: ސެކުލޮސްކީ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކްލަބް އީގަލްސާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗުގައި އީގަލްސަށް އެޑްވާންޓޭޖް އެބައޮތްކަމަށް ޤަބޫލުކުރާކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ، މި މެޗަށް ތައްޔާރުވާން އީގަލްސަށް ނުވަ ދުވަސް ލިބުނު ކަމަށާއި، އަދި އެ ޓީމުގައި އެކުގައި ތިން އަހަރު ނުވަތަ ހަތަރު އަހަރު ކުޅުނު ކުޅުންތެރިން ތިބުމަކީ މެޗަށް ނުކުންނައިރު އެ ޓީމަށް ލިބޭ ފައިދާއެއް ކަމަށެވެ. މާޒިޔާ ނިކުންނާނީ ދަނޑުމަތީގައި މަސައްކަތް ކޮށް މޮޅުވާންކަމަށާއި، އެންމެ ފަހު މެޗުގައި ޓީސީ އަތުން ހޯދި މޮޅަށްފަހު، މި މެޗުގައި މާޒިޔާގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުމެއް ދައްކާނެކަމަށް އުއްމީދުކުރާކަމަށް ސެކުލޮސްކީ ބުންޏެެވެ.

"މެޗަށް ނުކުންނައިރު އެޑްވާންޓޭޖް އޮތީ އީގަލްސްއަށް. އެމީހުނަށް އެބަ ލިބޭ ނުވަ ދުވަސް މި މެޗަށް ތައްޔާރުވާން. އެޓީމުގައި އެބަތިބި ތިނެއް ނުވަތަ ހަތަރު އަހަރު އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިންވެސް. މާޒިޔާ ނުކުންނާނީ ދަނޑުމަތީގައި މަސައްކަތްކޮށް މޮޅުވާން. އުއްމީދު ކުރަން މާޒިޔާގެ ހުރިހާ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށް". ސެކުލޮސްކީ ބުންޏެވެ.

އީގަލްސްގެ މެނޭޖަރ މުހައްމަދު އިނާން ބުނީ، މާޒިޔާއަކީ މި ވަގުތު އެންމެ ވަރުގަދަ ޓީމުކަމަށާއި ޕްރީ ސީޒަންގައިވެސް ރަނގަޅު ޓްރެއިނިންތަކެއް ހަދާ، ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ޓީމެއްކަމަށެވެ. އެ ހުރިހާ ކަމެއް އެގޮތަށް އޮތްނަމަވެސް އީގަލްސުން މެޗަށް ނިކުންނާނީ ތިން ޕޮއިންޓަށް ޓާގެޓުކޮށްގެން ކަމަށް އިނާން ބުންޏެވެ. އިނާން ބުނީ، ޓީމު ތެރޭގައި އަދިވެސް ފިޓްނަސްގެ ބައެއް މައްސަލަތައް އުޅޭކަމަށާއި، ޕްރެކްޓިސް އާއި މެޗުތަކަށްފަހު އެ ކަންތައްތައް ރަނގަޅުވަމުންދާކަމަށެވެ.

މާޒިޔާ އަތުން މޮޅުވެއްޖެނަމަ އީގަލްސަށް ލީގުގެ ތިންވަނައަށް ޖެހިލެވޭނެ އެވެ. މި ވަގުތު އީގަލްސް އޮތީ، ތިން މެޗުން ފަސް ޕޮއިންޓާއެކު ލީގުގެ ހަވަނައިގަ އެވެ. މިރޭގެ މެޗަށްފަހު، މި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. ދެން ލީގު ފަށާނީ އަންނަ އޯގަސްޓް މަހުގެ ތިންވަނަ ދުވަހު އެވެ.