ސިޔާސީ

ސީއެސްސީގެ ރައީސްއަށް ނޭނގި މުވައްޒަފުން ވަކިކޮށްފައިވާ ކަމުގެ ވާހަކަތަކެއް


ސިވިލް ސާރވިސް ކޮމިޝަންގެ ރައީސަށް އެނގިވަޑައިނުގެން ސިވިލް ސާރވިސް މުވައްޒަފުން މަޤާމުން ވަކިކޮށްފައިވާކަމަށް އެ ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި އެކޮމިޝަނުން ވަކިކޮށްފައިވާނީ ހައެއްކަ މުވައްޒަފުން ކަމަށެވެ. ނަމަވެސް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ، ވަޒީފާއިން ވަކިކުރުމުން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާތްތައް ފުރިހަމަކުރުމުން ވަޒީފާ އިޔާދަކޮށްދީފައިވެސް ހުންނާނެ ކަމަށެވެ.

އެގޮތުން ވަޒީފާއިން ވަކިކުރުމުން އެ މުވައްޒަފަކަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލާއި ކޯޓު މަރުހަލާއަށް މައްސަލަ ހުށަހެޅޭނެ ކަމަށާއި، އެތަންތަނުން ވަޒީފާ އަލުން އިޔާދަކުރުމަށް އަމުރުކުރުމުން މިނިސްޓްރީތަކާއި އިދާރާތަކާއި މަޝްވަރާކޮށް އެ ޙުކުމްތަކާއި ޢަމުރުތައް ތަންފީޒު ކޮށްފައިވާނެ ކަމަށެވެ.

ޑރ.،ޝަމީމް ވަނީ އެމަނިކުފާނަށް އެނގިވަޑައިނުގެން ސިވިލް ސާރވިސްގެ ބައެއް މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ކޮމެޓީގައި ވިދާޅުވެފައެވެ. އުސޫލެއްގެ ގޮތުން ކޮމިޝަންގެ ރައީސްއަށް ނޭނގި ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފެއް ވަކި ނުކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ޑރ. ޝަމީމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ޤަވާއިދާއި ޤާނޫނުގެ ތެރެއިން. އެއްވެސް މުވައްޒަފެއްގެ ހައްޤަށް އަރައިގަނެފައި ނޯންނާނެ. ނަމަވެސް އަޅުގަނޑަށް ނޭނގި ބައެއް މުވައްޒަފުން ވަކިކޮށްފައިވޭ. އުސޫލެއްގެ ގޮތުން ކޮމިޝަންގެ ރައީސްއަށް ނޭނގި ވަކިނުކުރެވޭނެ. ނަމަވެސް މުވައްޒަފުން ވަކިކޮށްފައިވާ ހުރިހާކަމަކީ ނުޤަވާއިދުން ގޮސްފައިވާ ކަންކަމެކޭވެސް އަޅުގަނޑު ނުދަންނަވާނަން."

ކޮމެޓީގެ ބައެއް މެންބަރުން ވަނީ ސިވިލް ސާރވިސް ކޮމިޝަންގެ ފަސް މެންބަރުންގެ ގުޅުން ކުޑަކަމަށް ތުހުމަތުކުރައްވާފައެވެ. އެ ވާހަކަތަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ މެންބަރުން ވަނީ ބައެއް ކަންކަން ކޮމިޝަނުން ނިންމުމުގައި ޚިޔާލު ތަފާތުވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މެންބަރުންގެ ގުޅުންކުޑަކަމަށް ކުރާ ތުހުމަތުތަކަށް ސީދާ ޖަވާބެއް އެއްވެސް މެންބަރަކު ނުދެއްވައެވެ. އަދި އެ ސުވާލަށް ކޮމިޓީ ސިއްރުކުރުމުން ޖަވާބުދެއްވާނެކަމަށް މެންބަރުން ވިދާޅުވިއެވެ. ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުން ޙާޒިރުކޮށް ކުރިއަށްގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައެއް ވަނީ ސިއްރުކޮށްގެން ކުރިއަށްގެންގޮސްފައެވެ.

ކޮމިޓީގެ މެންބަރުން ވަނީ އެއްވެސް ސިޔާސީ ނުފޫޒެއް ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުންނަށް ފާއިތުވި ތަނުގައި ފޯރާފައިވޭތޯވެސް ސުވާލުކުރައްވާފައެވެ. ނަމަވެސް ސިވިލް ސާރވިސް ކޮމިޝަން މެންބަރުން ވަނީ އެކަން ދޮގުކުރައްވާ އެއްވެސް ފަރާތެއްގެ ނުފޫޒް ފޯރާފައި ނުވާކަމަށް ވިދާޅުވެފައެވެ.

ސިވިލް ސާރވިސްގައި ސައުވީސްހާސް ފަސްސަތޭކަ ސޯޅަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ގެންދެއެވެ.