ކުޅިވަރު

ވަރލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވާން ޤައުމީ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ހޯދައިދެނީ


ޤައުމީ ފުޓުބޯޅަ ޓީމު ވަރލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވާން، މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާވަމުންދާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމުން) ބުނެފި އެވެ.

ޤައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މާލޭގައި މެޗުތައް ކުޅޭނީ ޤައުމުން ބޭރުގައި ކުޅޭނޭ މެޗުތަކެއް ނުލިބިއްޖެނަމަ ކަމަށެވެ. ބައްސާމް ވިދާޅުވީ، ޤައުމުން ބޭރުގައި މެޗުތަކެއް ކުޅެން ލިބޭތޯ ބާލާއިރު ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، ސީޒަން ތެރެއިން ކުޅުންތެރިން އެކުވެރިކަމުގެ މެޗުތަކަށް ބޭރަށް ފޮނުވުންކަމަށެވެ.
އެހެންކަމުން މާލޭގައި މެޗުތަކެއް ކުޅެން ވަރަށް ބޮޑަށް ވިސްނާނެކަމަށް ބައްސާމް ވިދާޅުވި އެވެ.

"ފުރަތަމަ މި ބަލަނީ ގައުމުން ބޭރުގައި ކުޅެން. އެ ފުރުސަތު ފަހަރުގައި ސީޒަންތެރެވީމަ ހަނިވެދާނެ. އެހެންވެ މާލޭގައި މެޗުތަކެއް ކުޅުމަށް ވެސް ރާވަމުން މިދަނީ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަރލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިން އެއްކޮށްލައިގެން ގެންދާތީ، ރާއްޖެ ކޮލިފައިންއަށް ވަރަށް ސީރިއަސް ވާނެ ކަމަށެވެ. ބައްސާމް ވިދާޅުވީ، ނަތީޖާ ރަނގަޅުކުރަން މިހާރު ވެސް ބުނެފައިވާނެ ކަމަށާއި، މިއީ ނުކުރެވޭވަރުގެ ކަމެއް ނޫންކަމަށެވެ.

ކޮލިފައިންގައި ރާއްޖެ ވާދަކުރަންޖެހޭ ޤައުމުތައް ޔަގީންވާނީ މި މަހު ފަހުކޮޅު އޮންނަ އޭޝިޔާ ބައްރުގެ ވަރލްޑް ކަޕް ކޮލިފައިން ގުރުއަތުލުމަށް ފަހު އެވެ.