ކުޅިވަރު

ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމުގެ މަސައްކަތަށް ޝާހިދާއި މަހްލޫފު ސީޝެލްސްއަށް


ދެހާސް ތޭވީސްވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރަޢީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިހުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއާއި، ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރާއްޖޭގެ ބިޑައް ތާޢީދު ހޯދުމުގެ ގޮތުން ސީޝެލްގެ ރަޢީސްއާއި ބައްދަލުކުރައްވައި ރަޢީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެއްވާފައިވާ ރަސްމީ ސިޓީފުޅެއް ސީޝެލްސްގެ ރައީސަށް އެރުވުމަށް ވަނީ ހަމަޖެހިފައިއެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއާއިޕީ ލައުންޖުގައި ހުންވަނަ ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން މިކަމަށް އެންމެ އިސްކަމެއް ދޭ އެއް ސަބަބަކީ، މިކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ވަސީލަތްތަށް ނުވަތަ އިންފްރާ ސްޓްރަކްޗާ ތަރައްގީ ވެގެންދާނެތީ ކަމަށެވެ. އަދި އެކަމުގެ ފައިދާ ދިވެހި ޒުވާނުންނަށް އެތައް ޒަމާނަކަށް ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އައިއޯއައިޖީއަކީ ދިވެހި ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމަށާއި ރާއްޖެއަށް އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތަކުން ލިބުނު އެންމެ ފުރަތަމަ މެޑަލްވެސް ލިބުނީ އައިއޯއައިޖީން ކަމަށެވެ. އަދި މިމުބާރާތަކީ ރާއްޖެއިން މެދުނުކެނޑި ބައިވެރިވަމުން އަންނަ މުބާރާތެއް ކަމަށާއި، އެހެންކަމުން އައިއޯޖީއަކީ ރާއްޖެއަށް ޚާއްސަ މުބާރާތެއް ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ، މިކަމަކީ ރައީސް ޞާލިޙު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެހެންކަމުން މި މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2023ވަނަ އަހަރުގެ މުބާރާތް ވެގެންދާނީ ރާއްޖޭގައި މިފަހުން ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ޚާރިޖިއްޔާއިން މިކަމުގައި ދެވެން އޮތް ކޮންމެ އެއްބާރުލުމެއްވެސް އެންމެ ފުރިހަމައަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މިކަމަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ސަބަބަކީ، މިކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ވަސީލްތަތައް ނުވަތަ އިސްފްރާސްޓްރަކްޗާ ތަރައްޤީ ވެގެންދާނެތީ، އޭގެ ފައިދާ ދިވެހި ޒުވާނުންނަށް އެތައް ޒަމާނަކަށް ލިބިގެންދާނެ،" ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިފް ވިދާޅުވިއެވެ.

ރާއްޖެއިން މުބާރާތް ބޭއްވުމަށް ބިޑް ކުރުމާއި ގުޅިގެން އިންޓަނޭޝަނަލް ކައުންސިލް އޮފް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސްވެރިންވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން، ރާއްޖޭގައި މުބާރާތް ބޭއްވުމަށް ބަލަންޖެހޭ ކަންކަން ބަލައި މޮނީޓަރ ކުރައްވާފައެވެ.