ސިޔާސީ

އުޒުރެއްނެތި ޖަލްސާއަށް ޙާޒިރުނުވެއްޖެނަމަ މުސާރައިން ބައެއް އުނިކުރާގޮތަށް އިޞްލާހުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަހެއްގެ ދެބައިކުޅަ އެއްބަޔަށް ޙާޒިރުނުވާ މެންބަރުންގެ މުސާރައިން ފަންސާސް އިންސައްތަ އުނިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިޞްލާހުކޮށްފިއެވެ.

މަޖިލީހުގެ ޤަވާއިދު އިސްލާހުކުރާ ވަގުތީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޤަބޫލުކުރެވޭ އުޒުރެއްނެތި ޖަލްސާ އޮންނަ މަހެއްގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް މެންބަރަކު ޙާޒިރު ނުވެއްޖެނަމަ އެ މެންބަރެއްގެ މުސާރައިގެ ފަންސާސް އިންސައްތަ އުނިވާގޮތަށް ފާސްކޮށްފައެވެ.

ކޮމިޓީން ވަނީ ސަލާމާއި ޗުއްޓީ އެއީ މަޤްބޫލު އުޒުރެއްގެ ގޮތުގައި ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރެއްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި އަށްޑިހާ ދެހާސް ފަސްސަތޭކަ ލިބިވަޑައިގަންނަވައެވެ.

ކޮމިޓީން އަންނަނީ މަޖިލީހުގެ ޤަވާއިދު އިޞްލާޙުކުރުމުގައި ޢާންމުގެ ޚިޔާލުވެސް ހޯދަމުންނެވެ. މިހާރު އަމަލުކުރަމުން އަންނަ މަޖިލީހުގެ ޤަވާއިދަކީ 2010 ވަނަ އަހަރު ފާސްކޮށްފައިވާ ޤަވާއިދެކެވެ.