ސިޔާސީ

ފުލުހުން އަނިޔާކުރި މައްސަލާގައި ގުޅުންހުރި ފަރާތްތައް ޖަވާބުދާރީވުމަށް 48 ގަޑިއިރު ދީފި


މާފަންނު ގެއަކަށްވަދެ ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލާގައި ކަމާގުޅުންހުރި އެންމެހާ ފަރާތްތައް ޙާޒިރުކޮށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް މި މައްސަލާގައި ނިންމާފައިވާ ނިންމުންތައް 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް އެންގުމަށް ނިންމާފައެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެނެވެ.

އަނިޔާގެ މައްސަލަތަކަކީ ގިނަ ފަހަރު ސިއްރިއްޔާތުގައި ހިނގާ ކަންކަންކަމަށް ފާހަގަކުރައްވާ މެންބަރުން ވިދާޅުވީ، އެފަދަ އަނިޔާގެ މަންޒަރުތަކުގެ ވީޑިއޯއެއް ޢާންމުވަނީ މަދުފަހަރެއްގައި ކަމަށެވެ. މިއީ އެފަދަ ޢަމަލުތައް ހުއްޓުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށާއި، އެކަމުގައި މަޖިލީހުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މެންބަރުން ވަނީ ގޮވާލައްވާފައެވެ.

މެންބަރުން ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ހިމާޔަތަށް މަސައްކަތްކުރަންޖެހޭ ބައެއްކަމަށާއި، އެފަދަ ބައެއްގެ ފަރާތުން އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

ކޯޓް ޢަމުރެއްގެ ދަށުން ގެއަކަށްވަދެ ފުލުހުން އަނިޔާކުރާ ވީޑިއޯ ބައްލަވާފައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އެކަމުގައި ޝާމިލުވާ ހުރިހާ ފުލުހުން ސަސްޕެންޑްކޮށްފައެވެ. އަދި އެ މައްސަލަ އެޗްއާރްސީއެމްއަށް ފުލުހުން ވަނީ ހުށަހަޅާފައެވެ. ފުލުހުންގެ އެފަދަ މައްސަލަތައް ބަލުމަށް ޤާނޫނަކުން އުފައްދަވާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުންވެސް އެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ.