ޚަބަރު

އިތުރަށް ލިބުނު ކޯޓާގެ ތެރެއިން 500 ކޯޓާ ޙައްޖު ކޯޕަރޭޝަނަށް


ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް އިތުރަށް ލިބުނު 1000 ކޯޓާގެ ތެރެއިން 500 ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް އިތުރަށް ލިބިފައިވާ އެއްހާސް ކޯޓާ ބެހުމުގައި އަމަލުކޮށްފައިވަނީ ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުޞޫލްގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިންކަމަށެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަނަށް ކޯޓާ ހަވާލުކޮށްފައިވަނީ އެ ކޯޕާރޭޝަނަށް ގެންދެވޭނެ ހައްޖާޖީންގެ އަދަދު ބެލުމަށްފަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ވަގުތާއި ޙާލަތަޢް ރިއާޔަތްކޮށް އިތުރު ކޯޓާއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނަގާފައިވަނީ 500 ކޯޓާއެވެ. ޙައްޖު ކޯޕަރޭޝަނަށް ކޯޓާ ދިނުމަށްފަހު ބާކީ އޮތް 500 ކޯޓާ އަމިއްލަ ކުންފުނިތަކުގައި ހަމަހަމަކަމާއެކު ބަހާލާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިތުރަށް ލިބުނު ކޯޓާއިން އެކްރޯ ޕްރައިވެޓް ލިމިޑެޓް އިން ބޭނުންކުރުމަށް ނިންމާފައިވަނީ 10 ކޯޓާ، އަދި އަލް ޙަރަމައިން ޙައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސްއިއިން 71 ކޯޓާ ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ. ތަޒްކިޔާ ޕްރައިވެޓް ލިމިޑެޓް އިން 140 ކޯޓާ ނަގާފައިވާއިރު ބާކީހުރި 279 ކޯޓާ ނަގާފައިވަނީ މިނާ ޙައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ވަގުތު އޮތް ގޮތުން އިންތިޒާމްތައް ހަމަޖައްސަން އުނދަގޫ ކަމަށްބުނެ ޒައީ ގުރޫޕް ޕްރައިވެޓް ލިމިޓެޑުން އިތުރު ކޯޓާ ބޭނުން ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތަކަށް ލިބިފައިވާ ކޯޓާއަށް ބަލާލާއިރު

- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓް 1050 ކޯޓާ
-ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް 230
-ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޑެޓް 90 ކޯޓަ
-އެކްރޯ ޕްރައިވެޓް ލިމިޓެޑް 100 ކޯޓާ
-އަލްހަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް 161
މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޑެޓް 369

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިތުރަށް ލިބުނު ކޯޓާއިން ބައެއް ކުންފުނިތަކަން ގިނަ ކޯޓާ ދިނުމަށް އެދުނުނަމަވެސް ފަހުވަގުތު އެ އަދަދަށް މީހުން ގެންދިއުމަށް އުޒުރުވެރިވެފައިވާ ކަމަށެވެ.

އަދި މި ކޯޓާތައް ހަވާލުކޮށްފައިވަނީ އެ ކުންފުނިތަކުން ހުށަހަޅާފައިވާ އަގުގައި ޙައްޖަށް މީހުން ގެންދިއުމުގައި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ އެންމެހައި ޚިދުމަތްތައް އެގޮތުގައި ފޯރުކޯށްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 1434 ވަނަ އަހަރުގެ މަލީޝާ ޖަމާއަތަށް ފައިސާ ދައްކާ ޙައްޖަށް ދެވިފައިނުވާ ފަރާތްތައް ހައްޖަށް ފޮނުވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން އެފަރާތްތަކުގެ ތެރެއިން ހައްޖުވެރިޔާއާއި ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން އަދި މިހާތަނަށް ސަރުކާރުން ޙައްޖަށް ފޮނުވާފައިނުވާ 45 މީހުން މިއަހަރު އެއްކޮށް ޙައްޖަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީޏް ވިދާޅުވިއެވެ.

އެ ފަރާތްތައް ޙައްޖަށް ފޮނުވުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީއަށް ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިންނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ފުރަތަމަ ލިބުނު ކޯޓާގެ ތެރެއިން ޙައްޖު ކޯޕަރޭޝަނަށް ލިބުނު 550 ގެ ތެރެއިން 80 ކޯޓާ ރިޒާވްކޮށްފައެވެ.