ސިޔާސީ

ޕީޖީ އޮފީހުގެ ވަކީލުން ތަމްރީނަށް ޗައިނާއަށް ފޮނުވާ މައްސަލަ ކޮމިޓީން ސާފުކުރަނީ


ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ތަމްރީން ޕްރޮގްރާމްތަކުގައި ޗައިނާއަށް ފޮނުވާ ސަބަބު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ކޮންމެ އަހަރަކުވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން އެކި ތަމްރީން ޕްރޮގްރާމްތަކުގައި ޗައިނާއަށް ފޮނުވާ މައްސަލަ ވަނީ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވަނީ 2017 ވަނަ އަހަރުން ފެށިގެން އެމްއޯޔޫއެއްގެ ދަށުން ޕްރޮސެކިއުޓަރުން ތަމްރީން ކުރުމަށް ޗައިނާއަށް ފޮނުވަނީ ކޮން ކަމެއްގައިތޯ ސާފު ކުރުމަށް ހުށަހަޅާފައެވެ. އަދި ޕީޖީ އޮފީހުގެ ވަކީލުން ބައިވެރިވަނީ ކޮން ތަމްރީނު ތަކެއްގައިތޯ ސާފުކުރުމަށްވެސް ހިސާން ހުށަހެޅުއްވި ހުށަހެޅުމުގައިވެއެވެ.

ކޮމިޓީގެ ބައެއް މެންބަރުން ވަނީ ޕްރޮސެކިއުޓަރުން ތަމްރީންކުރުމަށް ފޮނުވާ ޤައުމުތަކާއި ހޯދާ ތަމްރީން ޕްރޮގްރާމްތަކުގެ ތަފްސީލް ކޮމިޓީއަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި ކޮމިޓިންވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ވަކީލުން ޗައިނާ އަށް ފޮނުވާ މައްސަލާގައިގެ އިތުރު މަޢުލޫމާތު ސާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުވުމަށް ނިންމާފައެވެ.

މީގެ އިތުރުން ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ހާޒިރުކުރުމަށްވެސް ނިންމާފައެވެ. ބިޝާމް ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހެވެ.

ޕީޖީ އޮފީހުގެ ތަމްރީން ހޯދުމަށްޓަކައި މިހާރުވެސް ޗައިނާގައި ތިއްބެވިކަމަށް ޗައިނާގެ ސަފީރު ޒޭންގް ލިޒޮންގ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.