ވިޔަފާރި

"ހަފްތާރެސް" ހުޅުމާލެ އަދި ވިލިމާލޭގައި ބާއްވަނީ


ކޮންމެ ހަފްތާ ބަންދެއްގައި ބާއްވަމުން އަންނަ "ހަފްތާރެސް" މާކެޓް މާލެއާއެކު ހުޅުމާލެ އަދި ވިލިމާލޭގައިވެސް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޔޫތު މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަހުމަދު އިރާޝް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަޖިކުރުމަށް ޔޫތު މިނިސްޓްރީން ގިނަ ކަންތައްތަކެއް ރާވަމުންދާކަމަށެވެ. އެގޮތުން ކޮންމެ ހަފްތާ ބަންދަކު އެމިނިސްޓްރީން ބާއްވަމުންދާ 'ހަފްތާރެސް' މާކެޓް ފުޅާކޮށް ކުރިއަށްގެންދިއުމަށްޓަކައި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިރާޝް ވިދާޅުވިއެވެ.

އިރާޝް ވިދާޅުވީ އަންނަ ހަފްތާގައި ހަފްތާރެސް މާކެޓް ބާއްވާނީ ހުޅުމާލޭގައިކަމަށެވެ. އަދި އެއަށްފަހު އޭގެ ޖެހިގެން އޮތް ހަފްތާގައި ވިލިމާލާގައި ހަފްތާރެސް ބޭއްވުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯދަ ބަންދަށް ފަހު ހަފްތާރެސް މިވަނީ އަނެއްކާވެސް ފަށާފަ. ދެން އަޅުގަނޑުމެން އުއްމީދުކުރަނީ މިއަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން. ދެން އަށްފަހު ޖެހިގެން އަންނަ ދުވަހު ވިލިމާލެ އަދި އެއަށްފަހު މާލެއިން ބޭރު އެހެން ރަށްތަކުގައި ބާއްވާނަން." އިރާޝް ވިދާޅުވިއެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ.