ސިޔާސީ

ސީއެސްސީގެ ނާއިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅައިފި


ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނާއިބު ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކި ކުރުމަށް ހުށަހަޅައިފިއެވެ.

ޝަހީދު މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅުއްވީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲއެވެ. މެންބަރު އަހްމަދު އަބްދުﷲ އެގޮތަށް ހުށަހެޅުއްވީ ސީއެސްސީގެ ނާއިބު ރައީސް ޝަހީދު ބައެއް މުވައްޒަފުންގެ ޙައްޤަށް އަރައިގެންފައިވާތީކަމަށް ވިދާޅުވެއެވެ. މީގެ އިތުރުން، އެ ކޮމިޝަންގެ އެހެން މެންބަރުންވެސް ކޮމެޓީއަށް ހާޒިރު ކުރުމަށްވަނީ ނިންމާފައެވެ.

މާދަމާ ހެނދުނު 11:30ގައި އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމަށް ސީއެސްސީގެ މެންބަރުން ހާޒިރުކޮށް މަޢުލޫމާތު ސާފު ކުރުމަށްވަނީ ނިންމާފައެވެ. އަދި ކޮމިޝަންގެ މެންބަރުންގެ މަގާމުން ދުރު ކުރުމަށްވެސް އަހްމަދު އަބްދުﷲ ވަނީ ހުށަހަޅާފައެވެ.

ސީއެސްސީގައި ހިމެނެނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ފާތުމަތު އާމިރާއާއި އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުޞައިންއެވެ.

ސީއެސްސީއަށް ޝަހީދު އައްޔަން ކުރެވުނީ 2015ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 29ގައެވެ.