ސިއްހަތު

މިދިޔަ މަހު އެކަނިވެސް 99 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވް


މިދިޔަ މަހު އެކަނިވެސް 99 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ޖޫން މަހު އިންފްލުއެންޒާއަށް ޓެސްޓު 216 މީހަކު ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 99 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު މިއީ އޭގެ ކުރީ މަހާއި އާޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މެއިމަހު އިންފްލުއެންޒާއަށް ޝައްކުކުރެވިގެން 60 މީހަކު ޓެސްޓު ކޮށްފައިވާއިރު އޭގެތެރެއިން ހަމީހުން ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ. މިއަހަރުގެ މިހާތަނަށް އައިއިރު އިންފްލުއެންޒާއަށް 675 މީހުން ޓެސްޓުކޮށްފައިވާއިރު 144 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

ވައިރަހަކުން ޖައްސާ އިންފްލުއެންޒާ ރާއްޖޭގައި އިތުރުވަމުންދާތީ ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ އިންފްލުއެންޒާ ވެކްސިން ނުވަތަ ފްލޫ ޝޮޓް ޖެހުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ.

އިންފްލުއެންޒާ ވައިރަސްއަކީ އެކި ސަބަބުތަކާއި ލައިގެން އޭގެ ޒާތުގައި ކޮންމެ އަހަރަކުވެސް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން މިވައިރަހަށް ދޭ ވެކްސިންވެސް ކޮންމެ ހަ މަހަކުން ވައިރަހަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ބަދަލުކުރަންޖެހެއެވެ. އެހެންކަމުން އިންފްލުއެންޒާ ވައިރަސް ފެތުރި ބަލި ގިނަވާނަމަ އިންފްލުއެންޒާ ޝޮޓު ނުވަތަ ވެކްސިން އެ މޫސުމެއްގައި ބާޒާރުގައި ހުރި އެއްޗެއް ޖެހުމަށް މާހިރުން ލަފާދެއެވެ. މިވެކްސިން ދޭ ކުދިންގެ ތެރެއިން ޢުމުރުން 6 މަހާއި 6 އަހަރާއި ދެމެދުގެ ކުދިންނަށް ފުރަތަމަ ޑޯޒު ދޭތާ މަހެއް ވާއިރު 2 ވަނަ ޑޯޒު ދޭންޖެހެއެވެ.

ހުމާއި ރޯގާ އަދި ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވެފައިވާއިރު ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު ދުރާލާއެޅުމަށް ކަމާބެހޭ ފަރަތްތަކުން އިލްތިމާސްކުރެއެވެ. މިއަހަރުގެ މިހާތަނަށް 2746 ހަ މީހަކު ޑެންގޫ ޖެހިފައިވާއިރު ކުރީ އަހަރުތަކާއި އަޅާބަލާއިރު ޑެންގޫ ޖެހިގެން ރިޕޯޓުކުރި ޢަދަދު މިއަހަރު ވަނީ އިތުރުވެފައެވެ. ޗިކުންގުންޏާ ޖެހިގެން 1293 މީހަކު ރިޕޯޓުކޮށްފައިވާއިރު އަރިދަފުސް ރޯގާ ޖެހިގެން އެއްލައްކަ ނުވަހާހަށްވުރެ ގިނަ މީހުންވަނީ ރިޕޯޓުކޮށްފައެވެ.

ވައިރަހުން ޖެހޭ ބަލިތައް މަދުކުރުމަށް މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް މަސައްކަތްކުރުމާއި ބޭރަށް ނިކުންނައިރު އަތްދިގު އެއްޗިހި ލުމަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ރާއްޖޭގައި ޢާއްމުވަމުން އަންނަ ބަލިތައް ޢާއްމުގޮތެއްގައި ވިއްސާރަވުމާއި ގުޅިގެން އިތުރުވީނަމަވެސް މިއަހަރު މޫސުމަށް އަންނަމުންދާ ބަދަލާއެކު ބަލިތައް ފެތުރެމުންދާ މިންވަރަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.