ޚަބަރު

ދެވަނަ ބުރުގައި ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް މިހަފްތާގައި އާއްމުކުރާނެ - ހަޔަރ އެޑިއުކޭޝަން

މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް މިހަފުތާގެ ތެރޭގައި އާއްމު ކުރައްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދެވަނަ ފަހަރަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާއި އެކުގައި 163 ސްލޮޓަށް 960 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. ދެވަނަ ބުރުގައި ލޯނަށް އެދި ފުރުޞަތު ހަމަވެފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

މަތީ ތަޢުލީމުގެ ފުރުސަތަށް މާޗުމަހު ހުޅުވާލި ފުރުސަތުގައިވެސް 900 އަށްވުރެ ގިނަ ކުދިން ވަނީ ކުރިމަތިލާފައެވެ. އެހެންނަމަވެސް އެޕްލިކޭޝަންތަކުގައި ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފޯމްތަކެއް ބާތިލުކުރުމުން ލޯނު ލިބުނީ 79 ދަރިވަރުންނަށެވެ.

ސަރުކާރުން މަތީ ތަޢުލީމްގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ ޖުމްލަ 242 ޖާގައަށެވެ.
މަތީ ތަޢުލީމުގެ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި ކުރިއާ ޚިލާފަށް ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕަކަށް އެދި ލޯނު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތުލިބިގެން ދިޔައެވެ.

އެހެންނަމަވެސް %100 ލޯނު ކަވަރުކުރާނީ އެމިނިސްޓްރީން ކަނޑައަޅުއްވާ ޤައުމުތަކުން އެކަނިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތަށް އަމަލުކުރަން ނިންމެވީ އެމިނިސްޓްރީން އިއުލާނުކުރި ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުގެ ސްކޮލަޝިޕްތަކަށް ގިނަ ޢަދަދެއްގެ ދަރިވަރުން ކުރިމަތިލައި އެކުދިންގެ އެޕްލިކޭޝަން މިދިޔަ ފަހަރު ބާތިލުވުމުން އެކަން ޙައްލުކުރެއްވުމުގެ ގޮތުންނެވެ.