ޚަބަރު

ހޮސްޕިޓަލުތައް އަޕްގްރޭޑުކޮށް ނިމުމުން 1،300 ވަޒީފާ އުފެދޭނެ!


ރާއްޖޭގެ އެކި ސަރަހައްދިގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 5 ހޮސްޕިޓަލާއެކު ސިއްޙީ ދާއިރާއަށް 1300 ވަޒީފާ އުފެދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އައި.ޖީ.އެމް.އެޗް ބޮޑުކޮށް، ޚިދުމަތްތައް ގިނަ ކުރި ނަމަވެސް މިކަމަކީ ސިއްޙީދާއިރާގެ ކަންކަމަށް ދާޢިމީ ޙައްލެއް ލިބިގެންދާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމާއި ސިއްޙީދާއިރާ ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ 10 ސަރަޙައްދެގެ ހޮސްޕިޓާތައް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ފުރަތަމަ އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ 5 ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ތެރޭ ފަށާ މިއަހަރު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޑު:
މި ހޮސްޕިޓަލުތަކުގެ ތެރެއިން ފުރަތަމަ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއެވެ.

މިހުރިހާ ހޮސްޕިޓަލްތައް ސްޕެޝަލައިޒް ކުރަނީ ކޮން ދާއިރާތަކުންކަން ހާމަކުރައްވާފައި އަދި ނުވިނަމަވެސް ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގެ އުތުރުގެ ސަރަޙައްދު ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ސަރަޙައްދަކަށް ހަދާ، ދެކުނުގެ ސަރަޙައްދު ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ ފޯރުކޮށްދޭ ސަރަޙައްދަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަކަން ހާމަކުރައްވާފައެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބޭސްފަރުވާއަށް ކޮންމެފަހަރަކު މާލެ އަންނަންޖެހޭ ޖެހުން ހުއްޓުމަކަށް ގެނެސް އެމީހަކު ހުރި ސަރަޙައްދަކުން ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.