ކުޅިވަރު

ވީއޭއެމްގެ މައްސަލާގައި ސިޔާޒީ ނުފޫޒެއް ނެތް، މިއީ ބަޔަކު ފިތުނަ އުފައްދަން ކުރާ މަސައްކަތެއް - ލަތީފް


މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް އުޅޭކަމަށް ބަލައި ނުގަންނަން ކަމަށާއި، ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯ އުވާލީ މައްސަލައަކީ ވޮލީބޯޅަ އާއިލާގެ ތެރެއިން ބަޔަކު ފިތުނަ ފަސާދަ އުފައްދަންކުރި ކަމެއްކަމަށް ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ، ރާއްޖޭގެ ވޮލީބޯޅަށް ދިމާވެގެން އުޅޭ މައްސަލާގައި، ދުނިޔޭގެ ވޮލީބޯޅަ އާއި ބެހޭ މައި އިދާރާ (އެފްއައިވީބީ)އިން މޯލްޑިވްސް އޮލީމްޕިކް ކޮމިޓީ (އެމްއޯސީ) އަށް ފޮނުވި ސިޓީއާއި ގުޅިގެން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އުވާލި އެކްސްކޯގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ލަތީފް ވިދާޅުވީ ވީއޭއެމްގެ މައްސަލާގައި އެސޯސިއޭޝަން އިންޓަރިމް ކޮމިޓީއަކަށް ދާންޖެހޭ ސަބަބެއް މިހާތަނަށްވެސް ސްޕޯޓްސް ކޮމިޝަނުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި، އިންޓަރިމް މަރުކަލާއަށް ދިއުމުގެ ކުރިން، އެއްވެސް މައްސަލައެއް އުޅޭނަމަ މަޝްވަރާކޮށްގެން އެކަމެއް ހައްލު ކުރުމަށް ލިޔުމުންވެސް ސްޕޯޓްސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.

ލަތީފްވަނީ އޭނާގެ އެކްސްކޯއިން ވޮލީބޯޅަ ކުރިއަރުވަން ކުރާ މަސައްކަތަށް ހުއްޓުން އައުމުން އެކަމާއި ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

ލަތީފް ވިދާޅުވީ، އޭނާގެ ލީޑަރޝިޕްގެ ދަށުން އެސޯސިއޭޝަނުން އައީ މިއަހަރުގެ ތެރޭގައި ބައިނަލް އަގްވާމީ މުބާރާތްތަކުންވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އަމާޒުހިފައި ޕްލޭންތަކެއް ހަދައި މަސައްކަތް ކުރަމުން ކަމަށާއި، މިގޮތަށް ކަންކަން ދިމާވުމުން އެކަމުގެ އަސަރު ޓީމްގެ ނަތީޖާތަކުން ފެނުން ގާތްކަމަށެވެ. އަދި އެސޯސިއޭޝަނު މިއަހަރު ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލް ނުވެވި ވޮލީގެ ހާލަތު އަނެއްކާވެސް ދަށަށް ހިނގައްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ވޮލީބޯޅަ އާއިލާގެ ތެރެއިން ފިތުނަ އުފައްދަން މަސައްކަތް ކުރި މީހުން ކަމަށެވެ.

އެފްއައިވީބީން އެމްއޯސީއަށް ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ، އެމްއޯސީއިން މިކަމުގައި ވަކި އަތަކަށް ނުޖެހި ވޮލީބޯޅައަށް ގެއްލުން ނުވާނެ ގޮތަށް އިންސާފަށް ގޮތް ނިންމާނެ ކަމަށް އިންމީދުކުރާ ކަމަށާއި، ވޮލީބޯޅައިގެ އިސްލާހީ މަސައްކަތްތަކަށް މީގެ ކުރިންވެސް ސަރުކާރުން ދެމުންއައި އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މިކަމުގަ އެއްވެސް ސިޔާސީ ނުފޭޒެއް އުޅޭކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެއީ މިމައްސަލަތަށް އުދެދުނު ހިސާބަކީ، އެސޯސިއޭޝަންގައި މަސައްކަތްކުރި، ވޮލީބޯޅަ އާއިލާގެ ބަޔަކު ފެއިލްވެގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު، ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަން ފެށި ހިސާބުން، އަޅުގަންޑުމެން އޭރުވެސް އައީ ރާއްޖޭގެ ވޮލީބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން، ވޮލީބޯޅައިގެ އިސްލާހީ މަސައްކަތްތައްވެސް ކުރަމުން، އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ ވަކި ޓާގެޓް ތަކެއް ކަންޑާއަޅައިގެން، އެކަން ހާސިލް ނުވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން،" ލަތީފް ވިދާޅުވިއެވެ.

އެފްއައިވީބީއިން އެމްއޯސީއަށް ފޮނުވި ސިޓިގައިވަނީ، ވީއޭއެމްގެ ހިންގުން އިންޓަރިމް ކޮމިޓީއަކާއި ހަވާލުކުރަން ޖެހޭފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކުން އަދި މިހާތަނަށްވެސް ހިއްސާކޮށްފައި ނުވާކަމަށާއި، އެމްއޯސީން މި މައްސަލައާއި ގުޅުންހުރި މައުލޫމާތުތައް ހިއްސާކޮށްދިނުމަށް އެދޭކަމަށެވެ.

އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ވިދާޅުވީ އެފްއައިވީބީގެ ސިޓީއަށް ޖަވާބުދާރިވެ އެކަމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިމަހުގެ ނުވަވަނަ ދުވަހު އެކްސްކޯ މީޓިންގއެއް ބާއްވާން ނިންމާފައިވާކަމަށެވެ. އަދި އިތުރަށް މިކަމުގައި އެމްއޯސީން މިކަމުގައި ކުރިއަށްދާނެ ގޮތް އެ ބައްދަލުވުމުގައި ނިންމަވާނެކަމަށެވެ.