ކުޅިވަރު

ހިތާދޫއިން ފަހު ވަގުތު ފެހެންދޫ މޮޅުވިޔަނުދީ ހިފަހައްޓައިފި


ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހިތާދޫ އާ ފެންދޫ ބައްދަލުކުރި މެޗްގެ ފަހުވަގުތުގައި ހިތާދޫއިން ލަނޑު ޖަހާ ފެހެންދޫ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗްގައި ދެޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެހެންދޫއިންނެވެ. ދެވަނަ ހާފްގައި ފެހެންދޫއަށް ލިބުނު ކޯނަރެއް އޭރިއާ ތެރޭގައި ފެނުޖެހިފައި އައި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ މެޗްގެ 50 ވަނަމިނެޓްގައި އަލި ވިސާމްއެވެ. މިލަނޑައް ފަހު ފެހެންދޫގެ ކުޅުން ރަނގަޅުކޮށް އިތުރު ހަމަލާ އުފައްދާ ހިތާދޫގެ ގޯލަށްވަނީ ނުރައްކާކޮށްފަ އެވެ.

މެޗް ނިމެން 10 މިނެޓަށްވުމުން ހިތާދޫ ޓީމުން ކުރިއަށްޖެހި ފެހެންދޫ ގޯލަށް ނުރައްކާ ކުރަމުންގޮސް، މެޗްގެ އިތުރުވަގުތުގެ ފަހު މިނެޓްގައި ހިތާދޫއިން ނަތީޖާ ހަމަހަމަކުރި އެވެ. މިލަނޑު މެޗުގެ 93 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސައީދުއެވެ.

މި ގްރޫޕްގައި ކުޅެވުނު ފުރަތަމަ މެޗްގައި ހިތާދޫއިން ވަނީ ތުޅާދޫ ވެސް މޮޅުވިޔަ ނުދީ ފަހުވަގުތުގައި ލަނޑެއްޖަހާ ހިފަހައްޓާފަ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެޓީމް ކަމަށްވާ، ކެންދޫއާއި ދަރަވަންދޫ އެވެ.