ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމު ސީޝެލްސްއަށް ނުދާން ނިންމީ މުބާރާތަށް ތައްޔާރުވާން ވަގުތު ނެތުމުން : ޝާކިއްޓެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ސީޝެލްސްއަށްދާން އޮތް ތަމްރީން ދަތުރު ނުދާން ނިންމީ އެގައުމުގައި ފުޓްބޯޅައިގެ ވަސީލަތްތައް އެކަށީގެންވާވަރަށް ނެތުމުންކަމަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން ބުނެފި އެވެ.

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް އައިއޯއައިޖީއަށް ތައްޔާރުވާން ހަފްތާއެއްހާ ދުވަސް އޮތްއިރު، ފުލް ޓީމް ފަރިތަކުރަން ލިބެނީ އެންމެ ފަސްދުވަހެ އެވެ. ކުރިން ތާވަލްކޮށްފައި އޮތީ ގޭމްސްގެ ކުރިން ދިވެހި ޓީމް ސީޝެލްސްގައި ތަމްރީންތަކެއް ފުރިހަމަކުރުމަށެވެ. އެހެންނަމަވެސް ފަހުން އެފްއޭއެމުންވަނީ ތަމްރީން ކޭމްޕް ނުދާގޮތަށް ނިންމާފައެވެ.

ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު އަޙުމަދު ޝާކިރު ބުނީ ސީޝެލްސްއަށް ތަމްރީން ދިޔުމަށް ކުރިން ނިންމި ނަމަވެސް ނުދާގޮތަށް ނިންމީ ތައްޔާރުވާން ލިބުނު ދުވަސް މަދުވުމުންނާއި، ސީޝެލްސްގައި ފެންވަރު ރަނގަޅު ތަމްރީން ވަސީލަތްތައް ނެތުމުންކަމަށެވެ. އަދި މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ލިބިފައިވާއިރު ދަތުރުކޮށް ކުޅުންތެރިން ވަރުބަލިވުމަކީ އުނދަގޫތަކެއް ދިމާވެދާނެކަމަކަށްވާތީ ތަމްރީން ދަތުރުދާން ބޭނުންނުވީކަމަށް ޝާކިރު ބުންޏެވެ.

ޝާކިރު ބުނީ މިފަހަރު ޓީމަށް އާ ގިނަ ކުޅުންތެރިން ނަގާފައިވާނެކަމަށާއި، މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ 75 އިންސައްތަ ބަދަލުވެފައިވާނެކަމަށެވެ.