ޚަބަރު

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު 3009 ދަރިވަރަކަށް

ސަރުކާރުން ހުޅޫވާލާފައިވާ ހިލޭ ޑިގްރީއަށް ކިޔެވުމަށް ތިންހާސް ނުވަ ދަރިވަރުންނަށް މިހާތަނަށް ލިޔުން ދޫކޮށްފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމާއެކު ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށާއި މިގޮތުން މިހާތަނަށް 4685 ދަރިވަރުން ފޯމް ހުށައަޅާފައިވާކަމަށެވެ.

ތަޢުލީމީ ދާއިރާއަކީ މިއަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖައްސާފައިވާ ދާއިރާއެވެ. އެގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމެކެވެ. މިކަމަށް 156 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ހަމަޖައްސާގޮތަށް ވަނި މި ސްކީމްގައި ހިމަނާފައި ވެއެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60އާ ދެމެދުގެ އަދަދުންނެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ ވަނީ ކިޔެވުމަށް ސަރުކާރުން ދޫކުރަމުންގެންދަވާ މަތީ ތަޢުލީމްގެ ލޯން ސްކީމަށްވެސް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ މަތީ ތަޢުލީމަށް ކިޔެވުމަށް ދޫކުރާ ލޯން މިއހަރުގެ ޖެނުއަރީ މަހު 313 ދަރިވަރަކަށް ދީފައިވާކަމަށާއި މދިޔަ މާރޗްމަހުވެސް 79 ދަރިވަރަކަށް އެ ފުރުޞަތު ދީފައިވާކަމަށެވެ. އަދި އެންމެ ފަހުން ހުޅުވާލި ފުރުޞަތުގައި 960 ދަރިވަރުން އެޕްލިކޭޝަން ހުށައަޅާފައިވާކަމަށެވެ. ރައީސް ވަނީ މަތީ ތަޢުލީމަށް ދޫކުރާ ލޯން ދޫކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހޯދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާފައެވެ.
ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕްއަކަށް އެދި ލޯނު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް %100 ލޯނު ކަވަރުކުރަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާ ޤައުމުތަކުންނެވެ. މީގެ އިތުރުންވެސް ސަރުކާރުންވަނީ ލޯން ސްކީމަށް ލުއިފަސޭހަ ގޮތްތަކެއް ގެނެސްފައެވެ. މިގޮތުން ލޯންގެ އިޓްރަސްޓް ރޭޓް ކުޑަކުރުމާއި ލޯނަށް ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮސްފައިވާކަން ފާހަގަކުރެވެއެވެ.