ވިޔަފާރި

އެއްބަސްވުމުގެ ސަބަބުން އެސްޓީއޯ ހޮޓާ ވިއްކާލަން ދަތިތަކެއް!


ރެޑިސަން ބްލޫއާއެކު އެސްޓީއޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުން އޮތްގޮތުން ހުޅުމާލޭގައި ތަރައްޤީކުރަން އެސްޓީއޯއިން ފަށާފައިވާ ސިޓީ ހޮޓާ ވިއްކާލުމަށް ބޮޑު ދައްޗެއް ކުރިމަތިވެފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާބެހޭ ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެސްޓީއޯއިން ހަދާފައިވާ އެއްބަސްވުން އޮތްގޮތުން އެއްވެސް ފަރާތަކުން ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ހޮޓާ ގަންނަން ބޭނުންނުވާކަމަށެވެ.

އަމުރު ވިދާޅުވީ އެއްބަސްވުން އޮތް ގޮތުން ހޮޓާ ޢިމާރާތްކުރުމުގެ މަސައްކަތް ނިމުމުން ހޮޓާ ހިންގަން ޙަވާލުކުރަންޖެހެނީ ރެޑިސަން ހޮޓެލްސްއާކަމަށެވެ. އަދި އެއްބަސްވުން އޮތްގޮތުން އެސްޓީއޯއަށް ލިބެނީ ހޮޓާ ހިންގައިގެން ލިބޭ އާމްދަނީގެ 12 އިންސައްތަ ކަމަށާއި ނަމަވެސް އެފައިސާވެސް ލިބޭނީ ރެޑިސަންއިން ހޮޓާ ހިންގައިގެން ފައިދާއެއްވަންޏާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

"އެގްރިމަންޓް އޮންނަ ގޮތުން އެސްޓީއޯއަށް އެއްޗެއް ލިބެނީ ރެޑިސަންއިން ހޮޓާ ހިންގައިގެން ފައިދާއެއް ވިއްޔާ، ފައިދާ ނުވިއްޔާ އެއްޗެއް ނުލިބޭނެ، އެއްވެސް ބަޔަކު ބޭނުމެއްނުވޭ އެގޮތަށް އޮތް އެގްރިމަންޓަކާއެކު ކުރިއަށްދާކަށް، އެހެންވީމަ ހޮޓާ ވިއްކާލުމުގެ މަސައްކަތެއް ކުރިއަކަށް ނުގެންދެވުނު" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިކަމުގައި ދެން އޮތްގޮތަކީ ކާލްސަން ގުރޫޕާއެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ކަމެއް ކުރެވެން އޮތްތޯ ބެލުންކަމަށެވެ. އެގޮތުން އެކަމަށް ޙައްލެއް ލިބިފައިވާކަމަށާއި ނަމަވެސް އެކަމުގައި އަމަލުކުރައްވާނެ ގޮތެއް އަމްރު ވިދާޅެއް ނުވެއެވެ.

ކާލްސަން ގުރޫޕާއެކު ހަދާފައިވާ އެއްބަސްވުން އުވާލަނީތޯ މަޖިލީހުގެ މެމްބަރަކު އެއްސެވުމުން، އަމްރު ވިދާޅުވީ އެއްބަސްވުން އުވާލަންޖެހިއްޖެނަމަ އެކަމަށްވެސް އެސްޓީއޯއިން ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ސިންގަޕޫރުގެ އާބިޓްރޭޝަންގައި ވަކާލާތު ކުރައްވާ ފުންނާބު އުސް ބޭރުގެ ވަކީލަކާއެކު އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް ސިޓީ ހޮޓާ ހިންގުމަށް ކާލްސަން ގްރޫޕާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ރަސްމީކޮށް ނިންމާފައިވާކަމެއް އަމްރު ހާމައެއް ނުކުރައްވައެވެ.

ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް އެސްޓީއޯއިން ހުޅުމާލެއިން ބިމެއް ހޯދީ 2007 ވަނަ އަހަރުއެވެ. އަދި ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއް ޤާއިމްކޮށް ހޮޓާ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރުއެވެ.

ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދަނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 250 އެނދުގެ ހޮޓާ ވިއްކާލުމަށް މަސައްކަތްކުރަމުންނެވެ.