ޚަބަރު

30 ވަނަ އަހަރީ ދުވަސް ފާހަގަކުރަން 30 ގަޑިއިރުގެ ދުވުމެއް


ކަލާފާނު ސްކޫލުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން 30 ގަޑިއިރުގެ ދުވުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތް ފައްޓަވައި ދެއްވާފައިވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއެވެ.

މި ދުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ބޭއްތިއްބުމަށް ސްކޫލްތަކުން ހިންގާ ހަރަކާތްތަކަށް މިނިސްޓްރީން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

" ދުޅަހެޔޮ ދިރިއުޅުމައްޓަކާ- މިންހެޔޮ ކާނާ އާއި ކަސްރަތު" މި ޝީޢާރުގެ ދަށުން ކުރިއަށްގެންދިޔަ ދުވުމަށްދީފައިވާ ނަމަކީ "ގްރީން ރަން 2019" އެވެ. މި ދުވުމުގައި ހުއްޓާ ނުލާ 30 ގަޑިއިރުވަންދެން ދުވުމަށް ހަމަޖެހިފައިވަނީ މި ހަރަކާތައް ކަނޑައަޅާފައިވާ އެމްބަސަޑަރ ހަސަން ސާއިދު އެކަނިއެވެ. ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންގެ އިތުރުން މުސްކުޅި ދަރިވަރުން ހިމެނޭގޮތައް 2000 މީހުން 30 ގަޑިއިރުގެ މި ދުވުމުގައި އެކި ވަގުތުތަކުގައި ސާއިދުއާއި އެކު ދުވާނެކަމަށް ކަލާފާނު ސްކޫލުން ބުނެއެވެ. މި ދުވުން ކުރިޔަށް ދާނީ އެކުވެނި ޓްރެކް ދަނޑުގައެވެ.

މި ދުވުން ފެށުމުގެ ގޮތުން ، 1989 ވަނަ އަހަރުން ފެށިގެން ކަލާފާނު ސްކޫލުގައި ތައުލީމު ހާސިލްކުރަމުން އައިސްފައިވާ ކޮންމެ ބެޗަކުން ދަރިވަރެއް ހިމެނޭ ގޮތައް ތިރީސް ދަރިވަރުން ވަނީ އެކުވެނި ވަށާ ދެ ބުރު ޖަހާފައެވެ. ދުވުމުގެ ހަރަކާތް ކުރިއަށްދާއިރު ސްޓޭޖް ހަރަކާތްތަކާއި ކަސްރަތާއި ޒުމްބާ ކްލާސްތަކުގެ އިތުރުން ސިއްޙީ ކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ތަފާތު ކުޅިވަރު އެކަޑަމީ އަދި އެސޯސިއޭޝަންތަކުގެ ސްޓޯލްތައް ކުރިއަށްދާނެއެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާއި ގުޅިގެން އެ ސްކޫލުން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ލަވައެއްވެސް ނެރެފައެވެ.
ގްރޭޑް އެކަކުން ފެށިގެން ދިހައަކާއި ހަމައަށް ކިޔަވައިދެމުން އަންނަ ކަލާފާނު ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 25 ޖުލައި 1989 ވަނަ އަހަރު ހަމައެކަނި ޕްރައިމަރީ ސްކޫލެއްގެ ގޮތުގައެވެ.