 
					
									
			ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ދި ލެގަސީ" ސިލްސިލާގެ 4 ވަނަ ޕްރޮގްރާމްގެ ދަރުސް މިރޭ އޮންނާނެއެވެ. 
މި ދަރުސް އޮންނާނީ އަމީނިއްޔާ ސްކޫލްގެ ގޯތި ތެރޭ އޮންނަ ހުސްބިމުގައި މިރޭ 8:30 ގައެވެ. 
ދަރުސް ދެއްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ އައިރިޝް ދަރިކޮޅަށް އުފަން އައްޝައިޚް އަބްދުއްރަހީމް މަކާރިޘީއެވެ.   މިރޭގެ ދަރުސްގެ މަޢުޟޫއަކީ "ދަ ޕަވަރ އޮފް ރެޕެންޓެންސް"އެވެ. 
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” އިވެންޓުގައި ދަރުސްދެއްވުމަށް ޝައިޚް މަކާރިޘީ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަދުވަހުއެވެ.
އައްޝައިޚް އަބްދުއްރަހީމް ވަނީ މިއަދު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރުކުރައްވާފައެވެ. ޝައިޚް ޚުތުބާ ދެއްވީ "އެމްޕަވަރ ޔޫތު"މި މައުޟޫއަށެވެ.
 
ޕީސް ފައުންޑޭޝަނުން ވިދާޅުވީ ޝައިޚްގެ މި ދަތުރުފުޅުގައި މާދަމާ ފުވައްމުލަކަށް ވަޑައިގެން  "އައި އޭމް ސްޓިލް ޔަންގް" މިނަމުގައި އާއްމުންނަށް ދަރުސް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ ސިޓީގެ ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ސީނިއަރ ދަރިވަރުންނަށް ޚާއްސަކޮށްގެން "ދަ ކުއަލިޓީސް އޮފް  ޕީޕަލް އޮފް ނޮލެޖް" މި މައުޟޫއަށް ދަރުހެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
 
"ދި ލެގަސީ"އަކީ ޕީސްފައުންޑޭޝަނުން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ފެށި ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެ. އެ ފައުންޑޭޝަނުން ބުނީ މި ސިލްސިލާގެ އިތުރު ޕްރޮގްރާމެއް އަންނަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. "ދަ ލެގަސީ" މިޕްރޮގްރާމްގައި ބައިވެރިވުމަށް މީގެކުރިން ޑރ.ބިލާލް ފިލިޕްސްއާއި އައްޝައިޚް ޙުސައިން ޔީގެ އިތުރުން ޔޫއެސްއޭއަށް އުފަން ދާޢީ އައްޝައިޚް އަބޫ އުސާމަތުއްޛަހަބީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.