ޚަބަރު

މިދިޔަ އަހަރު 5 ބިދޭސީއަކު ދިވެހި ރައްޔިތުކަމަށް އެދި ހުށައެޅި


ސިޓިޒެންޝިޕް ގާނޫނުގެ ދަށުން މިދިޔަ އަހަރު ފަސް ބިދޭސީއަކު ދިވެހި ރައްޔިތުކަން ބޭނުންވެގެން ހުށަހަޅައިފިއެވެ.

ދިވެހި ރައްޔިތުކަން ބޭނުންވެގެން ހުށަހަޅާފައި ވަނީ އިންޑިއާގެ ތިން ރައްޔިތަކާއި ޖޯޑަންގެ ރައްޔިތެއްގެ އިތުރުން ސްރީލަންކާގެ ރައްޔިތެކެވެ.

1969ވަނަ އަހަރު ފާސްކޮށްފައިވާ ސިޓިޒެންޝިޕް ގާނޫނުގައި ބުނެފައިވަނީ ދިވެހިރައްޔިތުކަން އެދޭ ބޭރު މީހާ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަަމަށްވާ ނަމަ އެކަން ލިޔުމުން ފޮރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވާ ކަމަށެވެ. އަދި ދިވެހިރައްޔިތުކަން ބޭނުންވާ މީހާ މެދުނުކެނޑި ދިވެހިރާއްޖޭގައި 12 އަހަރު އުޅެފައިވާން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެހެން ގައުމަކަށް ދިޔަނަމަވެސް ހަމަހަށްވުރެ ދިގު މުއްދަތެއް އެހެން ގައުމެއްގައި އުޅެގެން ނުވާނެ ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނާއި އެއްގޮތަށް އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވި ކަމަށްވީ ނަމަވެސް ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ދެނެގަތުމަށްޓަކައި އެ ފަރާތްތަކަށް އިމްތިހާނެއް ހަވާލުކުރާނެއެވެ.

އެޓަރނީ ޖެނެރަލް އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އެ އިމްތިހާނުން ފާސްވެފައި ވަނީ އެންމެ ބިދޭސީއެކެވެ. އެއީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހަބީބު ރަހުމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ މީހެކެވެ.

ސިޓިޒެންޝިޕް ގާނޫނުގައި ބުނެފައިވާ ޝަރުތުތަކާއި އަދި ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ބެލުމަށް ދޭ އިމްތިހާނުން ފާސްވެއްޖެ ނަމަ އެފަރާތެއް ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާނެ ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރުމުގެ އިހްތިޔާރު އޮންނައިރު ދިވެއްސަކު ބޭނުންވެއްޖެ ހިނދެއްގައި އެހެން ގައުމެއްގެ ރަށްވެހިކަން ހޯދުމުގެ ފުރުސަތުވެސް މިހާރު ސިޓިޒެންޝިޕް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ތެރެއިން ލިބިގެންދެއެވެ.