ޚަބަރު

ވަކިން ސިނގިރޭޓް ވިއްކައިގެން 28 ތަނެއް ޖޫރިމަނާކޮށްފި


މިދިޔަ މޭ މަހު އަމަލުކުރަން ފެށި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ޤަވައިދާ ހިލާފަށް ވަކި ވަކިން ސިނގިރޭޓް ވިއްކި 28 ތަނެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗް.ޕީއޭއިން ބުނީ އެ އިދާރާއިން ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއްގައި ވަކިން ސިނގިރޭޓް ވިއްކާ 11 ފިހާރައަކާއި 17 ކެފޭ ރެސްޓޯރެންޓް ފާހަގަކުރެވިފައިވާކަމަށެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ޤަވައިދުގެ ދަށުން ވަކި ސިނގިރޭޓް ވިއްކުން މަނާކޮށްފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި ޤަވައިދުގައި ވާގޮތުން ރާއްޖޭގައި ވިއްކޭނީ މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮއްޓެވެ. ބިޑިނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށި ނުވަތަ ބޮނޑިއެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް ވިއްކާނަމަ ވިއްކަންޖެހޭނީ މަދުވެގެން 30 ގްރާމް ހުންނަ ބާވަތްތަކެވެ.

މި ޤަވައިދުގެ ދަށުން ފިހާރަތަކުގެ އިތުރުން ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުގައި ވެސް ވަކިން ސިނގިރޭޓް ވިއްކުން މަނައެވެ.

ޤަވައިދާ ހިލާފުވާ ފަރާތްތައް އެ ކުށްކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުން ޖުމްލަ އަދަދުގެ 10 ގުނަ ޖޫރިމަނާ ދައްކަންޖެހޭނެއެވެ. އަދި ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ އިތުރަށް 5000 ރުފިޔާ އަދި ތިންވަނަ ފަހަރަށް 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހަތަރު ވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް މި ޤަވައިދުގައިވެއެވެ.