ޚަބަރު

ނާސްތާ ރަގަޅުކުރުމަށް އިތުރު 34 މިލިއަން

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމަށް 184 މިލިޔަން ރުފިޔާ މިހާރު ކަނޑައަޅުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ތަފުސީލުތައް ދެއްވެވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވަނީ ދަރިވަރުންނަށް ދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމުގެ ގޮތުންކަމަށެވެ. މިގޮތުން ކުރިން މި ޕްރޮގްރާމަށް 150 މިލިޔަން ރުފިޔާ ކަނޑައެޅި ނަމަވެސް މިހާރު 184 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވަނީ މި ޕްރޮގްރާމް އެންމެ ފުރިހަމަކަމާއެކު ކުރިއަށްގެންދިޔުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނާސްތާ ޕްރޮގްރާމަކީ ތަޢުލީމީ ދާއިރާގައި ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މި އަހަރުގެ ދެވަނަ ޓާމާއި އެކު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ވަނީ ފަށާފައެވެ. އެހެންނަމަވެސް މި ޕްރޮގްރާމާ ގުޅެގޮތުން އަދިވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މިގޮތުން ބައެއް ސްކޫލްތަކުގައި ނާސްތާ ފޮރުކޮށްދޭނެ ބަޔަކު އަދިވެސް ލިބިފައި ނުވުމުގެ ސަބަބުން ދަތިތަކާ ދަނީ ކުރިމަތިލަމުންނެވެ.

މީގެއިތުރުން ނާސްތާގައި ދަރިވަރުންނަށް ދޭ ކިރު ޕެކެޓްއަކީ ބައެއް ދަރިވަރުންނަށް ކަމުދާ އެއްޗެއް ނޫންކަން ބެލެނިވެރިންދަނީ ފާހަގަކުރަމުންނެވެ. މިކަންކަން ހައްލުކުރުމަށް މަސައްކަތްވެސްކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ 10 މެނޫ ހިމެނި ނަމަވެސް، މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައިވަނީ 17 މެނޫއާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ދައިރާގެ މަސައްކަތަކަށް ކުރިޔަށްދާ ގޮތަށްވެސް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި 35 ރަށެއްގައި 245 ކްލާސްރޫމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ސްކޫލްތަކުގައި 21 މަލްޓި ޕާރޕަސް ހޯލް މި އަހަރުގެ ތެރޭގައި ޤާއިމުކުރައްވާނެކަމަށާއި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ނިމޭއިރު ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެއްވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ދިރާސީ އަހަރާއި އެކު 144 ސްކޫލެއްގައި އެއް ދަންފަޅިއަށް ވަނީ ކިޔަވާދޭން ފަށާފައެވެ. އަދި ދެވަނަ ޓާމާއި އެކު 22 ސްކޫލެއްގައި ވަނީ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައެވެ. މި ސްކޫލްތަކުގެ ސެޝަންތައް ހެނދުނު 8 ޖަހާއިރު ފަށާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 6 ޖަހާއިރު ކުރިއަށްގެންދާ ސުޕަރވައިޒްޑް އެކްސަޒައިޒް ޕްރޮގްރާމަކުންނެވެ.