ޚަބަރު

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވައިފި


މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވައިފިއެވެ. .

"ފޭރުމާ ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަން" މި ނަމުގައި ކުރިއަށްގެންދިއަ އެއްވުމުގައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ނިމިދިޔަ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިފަރާތްތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ޖުޑިޝަރީ އިސްޅާޙުކުރުމަށް ކުރައްވާ މަސައްކަތްތަކަށްވެސް އިދިކޮޅުފަރާތްތަކުން ފާޑުކިޔާފައިވެއެވެ.

އެގޮތުން މިހާރު ދައުލަތުގެ ތިންބާރުގެ މުސްތަޤިއްލުކަން ގެއްލި ޖުޑިޝަރީގެ ބާރު ކެނޑޭގޮތަށް އެމްޑީޕީން މަސައްކަތްކުރާކަމަށް އިދިކޮޅުފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ މި އެއްވުމަކީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ޔާމީނާއި، ޕީޕީއެމްއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު މިގޮތަށް ޢާއްމުތަނެއްގައި ބޭއްވި ފުރަތަމަ އެއްވުމެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ފާޅުކުރި ދުވަސްވަރު އެނަތީޖާ ޤަބޫލުފުޅު ނުކުރައްވައި، ދުވަސްކޮޅެއް ވަންދެން ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މަދުބަޔަކާއެކު އެއްވުންތަކެއް ބާއްވާފައިވެއެވެ.