ޚަބަރު

ޤާނޫނާ ޚިލާފަށް އެއްބަސްވުންތައް އުވާލާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވިސްނަންޖެހޭ


ބޭރުގެ އިންވެސްޓަރުންނާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުންތައް ޤާނޫނާ ޚިލާފަށް ރޫޅާލާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅަކާމެދު ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިދިޔަ ހައެއްކަ އަހަރުތެރޭގައި ބޭރުގެ އެކިއެކި އިންވެސްޓަރުންނާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުންތައް ޤާނޫނާއި ޤާވާއިދާ ޚިލާފަށް މިދިޔަ ސަރުކާރުތަކުން ރޫޅާލާފައިވާކަމަށެވެ. އަދި އެއްބަސްވުންތައް ރޫޅާލުމުގެ ސަބަބުން އެކުންފުނިތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ރާއްޖޭގެ ކޯޓުތަކުންނާއި ބޭރުގެ އާބިޓްރޭޝަންތަކުން ނިންމާފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ޤާނޫނާ ޚިލާފަށް އެއްބަސްވުންތައް އުވާލުމުގެ މައްސަލަތަކުގައި ރާއްޖޭގެ ކޯޓުތަކުން މިހާތަނަށް 882 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭކަމަށް ޙުކުމްކޮށްފައިވާކަމަށެވެ. އަދި ބޭރުގެ އާބިޓްރޭޝަންތަކުން 17.89 މިލިއަން ޑޮލަރު ނުވަތަ 262 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް ޙުކުމްކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޙުކުމްކޮށްފައިވާ މައްސަލަތަކުގެ އިތުރުން، ރާއްޖޭގެ ކޯޓުތަކާއި ބޭރުގެ ކޯޓުތަކުގައި އަދިވެސް އިތުރު މައްސަލަތައް ހިނގަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުގައި 216 މިލިއަން ރުފިޔާގެ މައްސަލަތައް ކުރިއަށްދާއިރު، ބޭރުގެ އާބިޓްރޭޝަންތަކުގައި 350 މިލިއަން ޑޮލަރު ނުވަތަ 5 ބިލިއަނަށްވުރެ ގިނަ ރުފިޔާ މައްސަލަ ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދައުލަތަށް ގެއްލުން ލިބޭގޮތަށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާމެދު ވިސްނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

" ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ މައްސަލަތަކެއް ނޫންކަމަށް ޤާނޫނީ ވަކީލުން ލަފާ ދެއްވަނީ، އެހިސާބުގައި މައްސަލަތައް ހުރީ. ބަދަލު ހޯދައިދޭން، އިންސާފު ހޯދުމަށް މިކުރާ މަސައްކަތުގައި ގޮސްފައި ހުރި ހިސާބު މިއީ. ހަމައެއާއެކު ބަދަލުދޭއިރު އަޅުގަނޑުމެން ވިސްނަންޖެހޭ އެއްކަމެއް އެބައޮތް. މިކަން ކުރި ބަޔަކާ ދޭތެރޭ ކިހިނެތްތޯ ހަދާނީ. ކޯޓުތަކަށާއި އާބިޓްރޭޝަންތަކަށް ގޮސްވެސް އެކަން ކުރި މީހުން ވަރަށް ސާފުކޮށް އެބަ ބުނޭ ތިމަންނަމެން އެކަންކުރީ ޤާނޫނާ ޚިލާފަށޭ. ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެދެނީ ސަރުކާރަށް އެމައްސަލަތައް ކާމިޔާބުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތޭ. ދެން މިޖެހެނީ ކޯޓުން ބޭރުން މައްސަލަ ޙައްލުކުރަން. އެކަން ކުރީމަ މިބުނަނީ އަޅުގަނޑުމެން ވަކިބަޔަކަށް އެހީވީކަމަށް، ވަކި ބަޔަކަށް ލާރި ދިނީކަމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންވެސްޓަރުންނާއެކު ޤާއިމްކޮށްފައިވާ އެގްރިމަންޓްތައް އުވާލުމުން އޭގެ ބަދަލު ސަރުކާރުން ދައްކަންޖެހުމުގެ ބުރަ އުފުލުމުގެ ބަދަލުގައި އެމައްސަލަތައް ކޯޓުން ބޭރުން ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ބައެއް ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޑަބްލިޔުއެލްޓީ ކިޔާ ކުންފުންޏެއް، ވިލާގެ ދަށުން ހިންގާ ކުންފުންޏެއް، އެކުންފުނިން 16 މިލިއަން ޑޮލަރު ދައްކައިގެން، އެކުންފުންޏަށް އަނބުރާ 29 މިލިއަން ޑޮލަރު ދައްކަން އެބައޮތް ޙުކުމްކޮށްފައި، އަޅުގަނޑުމެން ވިލާ ގްރޫޕާއެކު މަޝްވަރާކޮށް ސަރުކާރުން ދައްކަންޖެހޭ 15 މިލިއަންގެ ތެރެއިން، ވިލާއިން ދައުލަތަށް ދައްކަންޖެހޭ ރެންޓާއި ޓެކްސްތައް ކެނޑުމަށްފަހު ދޭންޖެހޭ 5.6 މިލިއަން ޑޮލަރު ދެއްކުމަށް ނިންމައިފިން، ދެން އޮތީ ދީބާޖާގެ މައްސަލަ. ދީބާޖާ މައްސަލައިގައިވެސް އެއަދަދަކީ ބޮޑު އަދަދެއްކަމަށް ދެކޭތީ، ދީބާޖާއާއެކީ މިހާރު ބަންޑާރަ ނާއިބު ދަނީ މަޝްވަރާކުރަމުން އެކަމަށް ރަނގަޅު ޙައްލެއް ހޯދަން. ޓާޓާއާއެކު ކޯޓުން ބޭރުން މައްސަލަ ޙައްލުކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި އޮތީ" ރައީސް ވިދާޅުވިއެވެ.

ކުންފުނިތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމަށް ސަރުކާރަށް މަޖުބޫރުވެފައިވާއިރު ބޭރުގެ ބައެއް އިންވެސްޓަރުންނާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުންތައް މިދިޔަ ސަރުކާރުތަކުގައި އުވާލުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކުން ދަނީ ކޯޓުތަކާއި އާބިޓްރޭޝަންތަކުގައި ދަޢުވާތައް އުފުލަމުންނެވެ. މިކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދާ، ބޭރުގެ އިންވެސްޓަރުންނަށް ލިބެންޖެހޭ ޤާނޫނީ ރައްކާތެރިކަން ހޯދައިދިނުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.