ކުޅިވަރު

ފެހެންދޫއާއި ކިހާދޫގެ ކުރިމަތިލުން އެއްވަރުވެ، ގްރޫޕް ސީ ގެ ފޯރި ގަދަވެއްޖެ


ބ. ފުޓްބޯޅަ ޗެލެންޖްގައި ފެހެންދޫ އާ ކިހާދޫ ބައްދަލުކުރި މެޗް އެއްވަރުވެ ގްރޫޕް ސީގެ ފޯރިގަދަވެއްޖެ އެވެ.

މިއަދު ހަވީރު ބ.އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މިމެޗްގައި ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެހެންދޫއިން ނެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލީ މެޗްގެ 07 މިނެޓްގައި އެޓީމްގެ ކެޕްޓަން އާދަމް ނަސީމް އެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމްގެފަރާތުންވެސް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންވެސް ވަނީ ނުރައްކާތެރި ދެހަމަލާއެއް ގޯލަށް ފޮނުވާލާފަ އެވެ.

އެގޮތުން ކިހާދޫ ޓީމުން ކުޅުން ވަރުގަދަކޮށް މެޗްގެ 26 ވަނަ މިނެޓްގައި ލަނޑުޖަހާ ނަތީޖާ ހަމަކުރި އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ކިހާދޫ ޓީމްގެ މުހައްމަދު އަޔާޒް އެވެ.

ދެވަނަ ހާފްގައި ދެޓީމް ވަނީ މޮޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ގޯލަށް އަމާޒު ކުރެވިފައެއްނުވެ އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމްގެ މުހައްމަދު އަޔާޒް އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގަހިމެނޭ އޭދަފުއްޓާ މާޅޮހެއެވެ.