ވިޔަފާރި

ޓުއަރިޒަމް ދާއިރާއިން މިއަހަރު 17 ހާސް ވަޒީފާ އުފެއްދޭނެ


ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރުގެ މިހާތަނަށް ސަތާރަ ހާސް ވަޒީފާ އުފެއްދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މިއަހަރު މިހާތަނަށް 12 ރިސޯޓެއް ހުޅުވި އޮޕަރޭޓްކުރަމުންދާކަމަަށެވެ. އަދި މިއަހަރު ތެރޭގައި އިތުރު 9 ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އިތުރު ރިސޯޓްތަކާއެކު މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ސަތާރަ ހާސް ވަޒީފާ އުފެއްދޭނެކަމަށެވެ. ނަމަވެސް އެވަޒީފާތަކަށް ބޭނުންވާ ވަރަށް ޒުވާނުން ނެތުމަކީ މިވަގުތު ދިމާވެފައިވާ މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ޙައްލެއް ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިދޭތެރެއިން ދިމާވި ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާ، އޭނާ ބުނި ތިމަންނަ ރިސޯޓް ހުޅުވަންވެގެން މިހާރު އިޢުލާންކޮށްފީމޭ 450 ވަޒީފާއަށް. ރާއްޖެއިން ކުރިމަތިލީ އެންމެ 42 ފަރާތުންނޭ. ބޭރުން އެބައޮތޭ ވިހި ހާސް މީހުން ހުށަހަޅާފައި. އެހެންވީމަ ރާއްޖޭގެ ވަޒީފާތަކަށް، ޚާއްސަކޮށް ޓުއަރިޒަމް ދައިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދަތިތަކެއް ނުވަތަ އެކަމަށް ތަމްރީން ލިބިފައި ތިބި ބަޔަކު ނެތްކަމަށް އަޅުގަނޑު ދެކެނީ. މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލެއްކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މިނިމަމް ވޭޖް ކަނޑައެޅުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ނުލިބުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑައުޖޫރައެއް ކަނޑައެޅުމުގެ އުސޫލެއް ކަނޑައަޅަންޖެހެއެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ޤާނޫނު މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދަކަށްވާއިރު، ސަރުކާރުން މިހާރުވެސް ދަނީ އެމަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް މިނިމަމް ވޭޖް ބޯޑެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ.