މިއަހަރުގެ މިނިވަންދުވަހުގެ ކުޅިވަރުތައް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވުމަށް ކަނޑައަޅާފައިވާތީ އެކަމުގެ ސަބަބުން ދަނޑުގެ ވިނަގަނޑަށް ގެއްލުންވެ، މުބާރާތްތަކަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ބެލެވޭތީ ނޫސްވެރިއަކު ކަންބޮޑުވުން ފާޅުކުރުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަން ހައްލުކުރެއްވުމަށް ވަގުތުން ފިޔަވަޅު އަޅުއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކުވަނީ ގަލޮޅު ދަނޑުގެ ޙާލަތާމެދު ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާފައިވާ ކަންކަން ފާހަގަކުރައްވައި، ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ އެކަން އެމަނިކުފާނުގެ ސަމާލުކަމަށް އެކަން އަތުވެއްޖެކަމަށާއި އެކަމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަސް ހޯމް މިނިސްޓްރީއަށް އަންގަވާނެކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް އެމަނިކުފާނި ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އެދާއިރާގެ ކަންކަން ރަނގަޅު ކުރިއެރުވުމަށް ސަރުކާރުން މުހިންމު މަސައްކަތަތަކެއް ކުރައްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިއަހަރުގެ މިނިވަންދުވަހުގެ ޙަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމާފައިވާއިރު ދަނޑުގެ އެއްފަޅީގެ ސިޑިބަރި ބޭނުންނުކުރުމަށް ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީއަށް ވަނީ އަންގަވާފައެވެ. އަދި ދަނޑުގެ އެކޮމޮޑޭޝަން ބުލޮކްގައި ހުރި ކޮޓަރިތަކާއި ސިޑި ބަރީގެ ދަށުގައި ހުރި އޮފީސްތަށްވެސް މިހާރު ހުސްކުރުމަށްވަނީ އަންގާފައެވެ.
2015 ވަނަ އަހަރުގެ މިނަވަންދުވަހުގެ ހަރަކާތްތައް ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު އޭރު ވަރަށް ބޮޑަށް ހަލާކުވެ އެކަން ރަނގަޅުކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހުނެވެ. އަދި ވިނަގަނޑު އަލުން ރަނގަޅުވާން ގިނަދުވަސްތަކެއް ހޭދަވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓުބޯޅަ މުބާރާތް އެފްއޭ ކަޕް އެއަހަރު ބާއްވާފައިނުވެއެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ހދ.ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއަށް ބަދަލުކުރިއެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗު ވެސް އޭރު ޖެހުނީ ޗައިނާގައި ކުޅޭށެވެ.