ޚަބަރު

ސީލައިފް މައްސަލާގައި ބަދަލު ދިނުމާމެދު ދަނީ މަޝްވަރާ ކުރަމުން - ރައީސް ޞާލިޙު


ސީލައިފް މައްސަލަ ޙައްލުކުރުމަށްޓަކާ އެކުންފުންޏާއެކު މަޝްވަރާ ކުރައްވަމުންދާކަމަށާ، މިމައްސަލައަށް ވަރަށްއަވަހަށް ހައްލެއް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި 3000 އެޕާޓްމަންޓް އެޅުމަށް އިޢުލާންކޮށް ބައެއް ފަރާތްތަކުގެ އަތުން އެޑްވާންސްއަށް ފައިސާ އަތުލުމަށްފަހު އެމަޝްރޫޢު ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއް ވެފައިވާތީ، ގެއްލުން ލިބުން ފަރާތްތަކަށް ބަދަލު ހޯދައިދިނުމާގުޅޭގޮތުން އެކުންފުންޏާއެކު ސަރުކާރުން މަޝްވަރާތައް ކުރަމުންދާކަމަށެވެ. އެގޮތުން ސީލައިފްގެ މައްސަލައިގައި އެކުންފުނީގެ ފަރާތުން ސަރުކާރަށް ހުށަހެޅުމެއްވެސް ހުށަހަޅާފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ސީލައިފް މަޝްރޫޢު ކުރިއަށްގެންދިއުމަށް އެޗްޑީސީއަށް އެކުންފުނީގެ ފަރާތުން ދައްކާފައިވާ އެޑްވާންސް ފައިސާއިން، އެޕާޓްމަންޓްތައް ގަތް ފަރާތްތަކަށް ދޭންވާ ބަދަލު ދިނުމަށްފަހު އަލުން އެމަޝްރޫޢު ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް އެކުންފުނީގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިއީ ޤާނޫނީގޮތުން އެޗްޑީސީއަށް ކުރެވިދާނެކަމެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށާ، އަންނަ ހަފްތާގެ ތެރޭގައި އެކަމުގެ މަޝްވަރާތައް އެޗްޑީސީއާއި ސީލައިފާއެކު ސަރުކާރުން ކުރިއަށްގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ ކަމެއްކަމަށެވެ. އަދި ސީލައިފް މައްސަލާގައި ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާއިރު، ގުޅިފަޅު ޕްރޮޖެކްޓުގެ ދަށުން ގެއްލުން ލިބުން ފަރާތްތަކަށްވެސް ބަދަލު ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި ސަރުކާރުން ހުޅުމާލޭގައި އަލަށް ޢިމާރާތްކުރަން ނިންމާފައިވާ 4200 ހައުސިންގ ޔުނިޓްގެ ތެރެއިން އެންމެ ފުރަތަމަ ފްލެޓް ދޫކުރަން އިޢުލާންކުރާ ބުރުގައި ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފްލެޓް ނުލިބިވާ 142 ފަރާތަކަށް، ހުޅުމާލެއިން ފްލެޓް ދޭން ސަރުކާރުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ނިންމާފައިވަނީ އެފަރާތްތަކަށް ދެވޭ ފްލެޓެއްގެ ޖުމްލަ އަގުން ގުޅިފަޅު ފްލެޓަށް ދައްކާފައިވާ ފައިސާގެ ޢަދަދު އުނިކުރުމަށްފަހު ކަމަށާ، އެއީ މިކަމަށް މިވަގުތު ގެނެވެން އޮތް އެންމެ ހެޔޮބަދަލުކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ، މި ސަރުކާރުން ވަޢުދުވެފައިވާގޮތަށް ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު، ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާވަރުގެ ހައްލެއް ގެންނަވާނެކަމަށެވެ. އަދި އަތޮޅުތަކުގައި ހައުސިންގ މަޝްރޫޢުތައް ފެށުމަށްޓަކައި މިހާރުވެސް ބިޑް ކުރުމުގެ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.