ދީން

ސީރިޔާގައި ހަގުރާމަކުރަނިކޮށް އަޒްލިފް ރައޫފް މަރުވެއްޖެ


ސީރިޔާގައި ހަނގުރާމަކުރަން ގޮސްހުރި ހ. ހިލްޓަން އަޒްލިފް
ރައޫފް ހަގުރާމައިގެތެރޭގައި މަރުވެއްޖެކަމަށް އާއިލާގެ މީހަކު ޕީއެސްއެމްއަށް
ޔަގީންކޮށްދީފިއެވެ. އަޒްލިފް ރައޫފްއަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު
ދާއިރާގެ ކުރީގެ މެމްބަރ މަރްހޫމް އަފްރާޝީމްއަލީ މަރާލުމުގެ ތުހުމަތުގައި
ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާކުރުމުން ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވެގެން
ދޫކޮށްލާފައިވާ މީހެކެވެ.



އެއާއިލާގެތެރެއިން ޕީއެސްއެމްއަށް މައުލޫމާތުދިން މީހަކު ބުނީ
އަޒްލިފް ރައޫފް މަރުވީ މިމަހުގެ ސާދަވަނަ ދުވަހުގެ ހަވީރު ސީރިޔާގައި ބަދަލުކުރެވުނު
ހަމަލާތަކެއްގެތެރޭގައެވެ. އެދުވަހުގެ ހަމަލާތަކުގައި ދިވެއްސަކަށް މަރުވީ އޒްލިފް
ރައޫފް އެކަންޏެވެ. އޭނާގެ މައްޗަށް ކަށުނަމާދުކުރެވުނީ އެރޭގެ ވަގުތެއްގައެވެ.
އޭނާ މަރުވިކަމާއި ކަށުނަމާދުކުރެވުނުކަން މަރުވި ދުވަހުގެރޭ ސީރިޔާއިން
މައުލޫމާތު އާއިލާއަށްދޭ ފަރާތުން ދީފައިވާކަމަށްވެއެވެ. އަދި މިޚަބަރު ހަމައެރޭ
އޭނާގެ އަންހެނުންނަށްވެސް އަންގާފައިވެއެވެ. މިޚަބަރުން އާއިލާއަށް ވަރަށް
ފުންހިތާމައެއް ލިބިފައިވާކަމަށާއި އޭނާގެ އެންމެ ހަނގުދަރިފުޅަށް އަދި މަހެއްވެސް
ނުވާކަމަށް ޕީއެސްއެމްއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.



އަޒްލިފް ރައޫފް މަރުވީ ކޮންބަޔަކާއިކުރި ހަނގުރާމައެއްގެތެރޭގައިކަން
ސާފެއްނުވެއެވެ. ސީރިޔާގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ
ޖަމާއަތްތަކުން އެއްބަޔަކު އަނެއްބަޔެއްގެ ލޭ އޮހޮރުވަމުންދާތީ ދުނިޔޭގެ މަޝްހޫރު އެތައް
އިލްމުވެރިންނެއްވަނީ މިތަޅާފޮޅުމާއި ދީނީޖިހާދާއި ގުޅުމެއް ނެތްކަމަށް
ބުނެފައެވެ. އަދި ޖިހާދުގެ ނަމުގައި މިހިންގާ ލޭއޮހޮރުވުންތަކުން މުސްލިމުން
ދުރުވެތިބުމަށްވެސް މަޝްހޫރު ގިނަ ދީނީ އިލްމުވެރިންވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ އިލްމުވެރިންވެސްވަނީ ސީރިޔާގައި ހަގުރާމަކުރުމަކީ
ޖިހާދުކުރުން ނޫންކަމަށް ވިދާޅުވެފައެވެ. ޖިހާދެއްކަމަށް ކަނޑައެޅުމުގެ ޝަރުތުތައް
ފުރިހަމަނުވާކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.



ރާއްޖޭގެ އިންޓެލިޖެންސް ރިޕޯޓްތައް ދައްކާގޮތުން ދިވެހިންގެ
ފަންސާހަކަށް މީހުން ސީރިޔާގައި ހަގުރާމަކުރަން ގޮސްފައިވެއެވެ. ފުލުހުންގެ އިންޓެލިޖެންސް
މައުލޫމާތުތައް ދައްކާގޮތުން ސީރިޔާއަށް ހަގުރާމަކުރަންދާ މީހުންދަނީ ވަންވޭ
ޓިކެޓެއްގައެވެ. ގައުމަށް އެބުރި އަންނަގޮތަކަށްނޫނެވެ. އެހެންނަމަވެސް
ސީރިޔާއަށްދާ ދިވެހިން މިހާރު އިތުރުނުވާކަމަށް ދައްކައެވެ.