ކުޅިވަރު

އައި.އޯ.އައި.ޖީ. ގައި ވާދަކުރާ އެތްލެޓިކް ޓީމް އިއުލާންކޮށްފި


2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދާއިއެކު މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ އެތްލެޓިކް ޓީމް އިއުލާންކޮށްފިއެވެ.

ބާރު ދުވުންތެރިޔާ ހަސަން ސާއިދާއިއެކު 16 ދުވުންތެރިން މިފަހަރުގެ ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލްކުރާނެއެވެ.

100 މީޓަރާއި 200 މީޓަރު ދުވުންތަކުގައި ސާއިދާއިއެކު ދެން ވާދަކުރާނީ ސަރީސް އަހުމަދު، އިބާދުﷲ އާދަމް، ނުޖޫމް ހަދަން އަދި އިބްރާހިމް އަޝްފާނެވެ.

މިޑްލް އެންޑް ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނެނީ ހުސެއިން ރިޒާ އާއި ހުސެއިން ފަޒީލް ހާރޫނާއި މުހައްމަދު ނާއިލާއި އަހުމަދު ޝަރަފް އަދި ޝިފާޒް މުހައްމަދެވެ.

އަންހެން ޓީމުގައި ހިމެނެނީ ހަ ދުވުންތެރިން. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރެތަންގެ ރެކޯޑް އޮންނަ މަރިޔަމް އަބްދުލްކަރީމެވެ.

ޓީމްގައި ދެން ހިމެނެނީ އައިޝަތު ހިމްނާ، ސާރާ މަސްއޫދު، ނަޝާ ނިޒާރު، މަރިޔަމް އަލްހާ އަދި އާމިނަތު ޖައިޝާއެވެ.

އަންހެން ޓީމްގެ ކޯޗަކީ ފާތިމަތު ޔަސްމާން. ފިރިހެން ޓީމްގެ ކޯޗުންނަކީ އަބްދުﷲ އިބްރާހިމް، އަހުމަދު ފާއިލް އަދި އިންޑިޔާގެ ކޯޗު ޝިވަނަންދަ އަލަގަވަޑީއެވެ.